ސިވިލް ކޯޓުން ވައްކަން ކުރި އެތަނުގެ ކުރީގެ މުވައްޒަފަކު ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު އެ ހުކުމް ކޮށްފައި ވަނީ މ. ސޭންޑީހޯލް އަބްދުﷲ އިނާޒުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ 2013 ވަަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ރޭ 9:46 އެހައިކަންހާއިރު، އެތަނުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެެއްގެ މަގާމުގައި ހުރެ ކޯޓު ތެރެއިން ލެޕްޓޮޕަކާއި އޭގެ ޗާޖަރު ވަގަށް ނަގާފައިވާ ކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ.

އެ ދައުވާ އުފުލާފައި ވަނީ ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. އޭނާ އަށް އަދަބު ލުއިވީ ފަހުން ހެދޭ ގާނޫނަކުން ލުއި އަދަބެއް ކަނޑައަޅައިފިނަމަ ދޭންޖެހޭނީ ލުއި އަދަބު ކަމަށް ގާނޫނު އަސާސީގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީއެވެ.

އާ ގާނޫނުލް އުގޫބާތުގައި ވައްކަންކުރުމުގެ ކުށަށް ކަނޑައަޅާފައިވާ އަދަބު ކުރީގެ ގާނޫނުލް އުގޫބާތަށްވުރެ ކުޑައެވެ.