އޭޝްލީ ޔަންގްގެ ދެ ލަނޑުން އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވަޓްފޯޑްއާ ބައްދަލުކުރި މެޗު މެންޗެސްޓާ ޔުނައިޓެޑުން ފަސޭހަ ކަމާއެކު ކަމިޔާބު ކޮށްފިއެވެ.

ވަޓްވޯޑު ދަނޑުގައި ކުޅުނު އެ މެޗެ ޔުނައިޓެޑުން ކާމިޔާބު ކުރީ 2-4 ގެ ނަތީޖާ އަކުންނެވެ. އެ މޮޅާއެކު އެ ޓީމު އޮތީ 32 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ޔުނައިޓެޑަށް ވުރެ އެއް މެޗު މަދުން ކުޅެ ލީގުގެ އެއްވަނައިގައި 37 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީއެވެ. ރޭގެ މެޗުން ބަލިވި ވޮޓްފޯޑް އޮތީ 21 ޕޮއިންޓާ އެކު ލީގުގެ އަށް ވަނައިގައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ 19 ވަނަ މިނެޓްގައި އޭޝްލީ ޔަންގް ވަނީ ޔުނައިޓެޑަށް މެޗުގެ ލީޑު ނަގައިދީފައެވެ. އަދި ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުމަކުން މެޗުގެ 25 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ޔަންގްއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން އެންތޮނީ މާޝިއަލް ވަނީ ޔުނައިޓެޑްގެ ތިންވަނަ ލަނޑު ޖަހައިދީ އެ ޓީމަށް ހަމަޖެހުން ގެނެސްދީފައެވެ. މެޗުގެ ދެވަނަ ހާފްގައި ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ޔުނައިޓެޑަށް ލިބި ވަނީ ބޭކާރު ވެފައެވެ. އެއާއެކު ވަޓްފޯޑުން ވަނީ ރަނގަޅަށް ކުޅެ މެޗުގެ 77 ވަނަ މިނެޓްގައި ލަނޑެއް ޖަހައިފައެވެ. ލިބުނު ޕެނަލްޓީ އަކުން އެ ޓީމަށް ލަނޑު ޖަހައިދިނީ ޓްރޯއި ޑީނީ އެވެ.

މެޗުގެ 84 ވަނަ މިނެޓްގައި ވޮޓްފޯޑުގެ އަބްދުﷲ ޑޮކޫރޭ ލަނޑެއް ޖަހައި ޔުނައިޓެޑު ވަނީ ހާސްކަމުގެ ތެރެއަށް ވައްޓާލާފައެވެ. ނަމަވެސް އޭގެ ދެ މިނެޓްފަހުން ޖެސީ ލިންގާޑް ވަނީ ޔުނައިޓެޑްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް އެ މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.