މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އެކި ފަހަރުމަތިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިފައިވާ ސޯމާލިޔާގެ 34 މީހުންނާ މެދު އަމަލުކުރާނެ ގޮތަކާ މެދު ކެބިނެޓުގައި މަޝްވަރާކުރަންފަށައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު މިއަދު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހަދުން އެކި ފަހަރުމަތިން ފެނިފައިވާ ސޯމާލިޔާގެ މީހުން ކަމަށް ބެލެވޭ މީހުންގެ އަތުގައި ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތުމުން އެމީހުން ހަވާލުކުރާނެ ވަކި ގައުމެއް އެނގެން ނެތް ކަމަށާއި އެ މައުލޫމާތުތައް ރައީސް ކެބިނެޓާ ހިއްސާކުރައްވާފައިވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އެމީހުންގެ އަތުގައި އެއްވެސް ލިޔެކިޔުމެއް ނެތް. އަޅުގަނޑުމެން އެމީހުންނަކީ ސޯމާލިޔާގެ މީހުންނޭ ބުންޏަސް ގާނޫނީ އަދި ޝަރުއީ ގޮތުން އެމީހުން ގައުމަކާ ހަވާލުކުރުމަށް އެއީ ކޮން ގައުމެއްގެ ބައެއްކަން ސާފުކުރަން ޖެހޭ. އެ މައުލޫމާތުތައް ރައީސް ކެބިނެޓާ ހިއްސާ ކުރައްވައި މަޝްވަރާތައް ހިނގަމުން ދަނީ. އެމީހުން ކަނޑުން ފެނުނެއް ކަމަކު އެމީހުން ބޭރުކޮށްލެވޭކަށް ވެސް ނެތް. އިންސާނުންނާ މެދު އަމަލުކުރާ ގޮތަށް އެމީހުންނާ މެދު ވެސް އަމަލުކުރަންޖެހެނީ،" ޒުހައިރު ވިދާޅުވި އެވެ.

ޕްރެސް ސެކްރެޓަރީ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުން މިހާތަނަށް ފެނިފައިވާ އެ 34 މީހުން އަދި ވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޑިޓެންޝަން ސެންޓަރުގައި ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ކަނޑު ފޭރުމުގެ ހަރަކާތްތަކުގައި އުޅުނު ކަމަށް ޝައްކުކުރެވޭ އެ 34 މީހުންގެ ތަހުގީގުގެ ބޮޑު ބައެއް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެމީހުންގެ އަތުގައި އައިޑެންޓިޓީއެއް ނެތުމާއި ދަތުރުކުރެވޭނެ ގޮތްތަކެއް ނެތުމުން އެކަމުގައި ބޮޑަތި ދަތިތަކެއް ކުރިމަތިވެފައިވާތީ އެމީހުން ރާއްޖެ އިން ފޮނުވާލުމުގެ މަސައްކަތް ފެއްޓިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ އެ ކަމާ ގުޅޭ ގޮތުން ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.