29 Nov 2017, 11:24
ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ޕިކަޕަކަށް ލައިގެން ދަނިކޮށް އަތުލައިގަތް މައްސަލައާ ގުޅުން ހުރި ލޯންޗެއް ބަލައިފާސްކޮށް 95 ބަނގުރާ ފުޅި އަތުލައިގަނެފިއެވެ.
ފުލުހުން އެ ޕިކަޕް ހިފަހައްޓާފައިވަނީ މިދިޔަ ހޯމަ ދުވަހު ހުސްނުހީނާ މަގުން ދަނިކޮށެވެ. ފުލުހުން މިއަދު ބުނީ އެ ޕިކަޕް ހުއްޓުވައި ބަލާ ފާސްކުރިއިރު އޭގެން 114 ބަނގުރާ ފުޅި ފެނުފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ ޕިކަޕްގައި ހުރި ރާފުޅިތަކާ ގުޅުންހުރި ކަމަށް ބެލެވޭ ލޯންޗެއް ހުޅުމާލޭ ފަޅުތެރެއިން ބަލާފާސްކުރިއިރު 95 ބަނގުރާ ފުޅި އެއިން ފެނިފައިވާ ކަމަށެވެ. ނަމަވެސް ލޯންޗުން އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.