29 Nov 2017, 23:20
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު މެންބަރުން ދެ މަހުގެ ޗުއްޓީއަކަށް ހިނގައްޖެއެވެ.
މަޖިލީހުގެ ތިން ވަނަ ދައުރަށްފަހު، ގަވާއިދު ބުނާ ގޮތުން ދެ މަސްދުވަހުގެ ޗުއްޓީ ފެށޭނީ އާންމު އުސޫލުން ބަލާއިރު ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
މިރޭ ބޭއްވީ ތިން ވަނަ ދައުރުގެ ފަހު ޖަލްސާއަށްފަހު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވީ މި ދައުރު މަޖިލިސް ނިންމާލުމަށް ފަހު މެމްބަރުން ޗުއްޓީއަށްދަނީ އުފެއްދުންތެރި މަސައްކަތްތަކެއް ކުރެއްވުމަށްފަހު ކަމަށެވެ. އެގޮތުން މި ދައުރުގައި ވަނީ ޖުމުލަ 45 މައްސަލަ ނިންމާފައި ކަމަށް ވިދާޅުވިއެވެ. އަދި މަޖިލީހުގެ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާއިރު އެއީ 95.7 ޕަސެންޓް ކަމަށްވެސް ވިދާޅުވިއެވެ.
މަސީހު ވިދާޅުވީ 18 ވަނަ ރައްޔިތުން މަޖިލިސް މިހާ ހިސާބަށް އައި އިރު ޖުމުލަ 421 މައްސަލައެއް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 141 ބިލު ހިމެނޭ ކަމަށެވެ. އަށާރަ ވަނަ ރައްޔިތުން މަޖިލީހުގެ އުފެއްދުންތެރިކަމަކީ 98.6 ޕަސެންޓް ކަމަށް ވެސް ވިދާޅުވި އެވެ.
މަޖިލީހުން ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް މަސީހް ވިދާޅުވެފައިވާއިރު ތިން ވަނަ ދައުރުގައި ބޭއްވި 12 ޖަލްސާގައި ވެސް އިދިކޮޅު މެންބަރުންގެ ބައިވެރިވުމެއް ނުފެނެއެވެ. ބައިވެރިވި މަދު ޖަލްސާއެއްގައި ވެސް އެ މެންބަރުން ވަނީ އިހްތިޖާޖްކޮށްފައެވެ.
އެ މެންބަރުން ވިދާޅުވެފައި ވަނީ މަސީހްގެ ރިޔާސަތުގެ ދަށުން ބާއްވާ އެއްވެސް ޖަލްސާއެއްގައި އިދިކޮޅު މެންބަރުން ބައިވެރިވެވަޑައިނުގްނަވާނެ ކަމަށެވެ. ސަބަބަކީ 45 މެންބަރުން ސޮއި ކުރައްވާ މަސީހްގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅުމުން ވެސް އެ މައްސަލަ އެޖެންޑާ ނުކޮށް ބޭރުކޮށްލުމުން ކަމަށް އެ މެންބަރުން ވިދާޅުވެ އެވެ.
"ބައެއް ފަހަރު ވާދަވެރިގެން ދާއިރު އަޅުގަނޑުމެން ހިތް ނޭދޭ ގޮތަށް އެހެން ބަޔަކު ސްމާޓް ކަމުން ކަމެއް ނިންމައިފި ކަމަށް ވަންޔާ އެއްވެސް އިއްޒަތްތެރި މެންބަރަކު މާޔޫސް ވެވަޑައިނުގަންނަވާށޭ،" މަސީހް ވިދާޅުވިއެވެ.
ނިންމާލަމުން މަސީހް ވަނީ ހުރިހާ މެންބަރުން ވެސް އަނިޔާވާނެ ފަދަ ގޮތަކަށް ނޫޅެ ހެޔޮ ގޮތުގައި އުޅުމަށް ނަސޭހަތްތެރިވެފަ އެވެ.
ދެ މަސް ދުވަހުގެ ޗުއްޓީއަށް ފަހު މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގަ އެވެ.