އެއް ބިލިއަން ޑޮލަރު ދޭން އެއްބަސްވުމުން ސައުދީ އަރަބިއާގެ ނުފޫޒުގަދަ ޕްރިންސެއް ކަމަށްވާ ޕްރިންސް މުތައިބް ބިން އަބްދުﷲ ދޫކޮށްލައިފިއެވެ.

މުތައިބް ދޫކޮށްލީ އެއް ބިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުންނެވެ. މުތައިބް ވަނީ ސައުދީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އެއް ބިލިއަން ޑޮލަރު ދެއްކުމަށް އެއްބަސްވެފައެވެ.

އޭނާ އަކީ ސައުދީގެ ކުރީގެ ރަސްގެފާނު ކިންގް އަބްދުﷲގެ ދަރިކަލެކެވެ. މީގެ އިތުރުން ސައުދީގެ ތަޚުތަށް އިސްކުރެވޭނެ ކަމަށް މީގެ ކުރިން ބެލެވުނު ބޭފުޅެއްވެސް މެއެވެ.

އުމުރުން 65 އަހަރުގެ މުތައިބް އަކީ ސައުދީ އަރަބިއާ އިން ކޮރަޕްޝަން ނައްތައިލުމަށް ކުރާ މަސައްކަތުގެ ދަށުން، އެގައުމުން ހައްޔަރު ކުރި ޕްރިންސުންނާއި ސަރުކާރުގެ އިސް އޮފިޝަލުން އަދި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

ސައުދީ ސަރުކާރުން ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި 200 މީހުން ހައްޔަރުކޮށް، އެގައުމުގެ މަޝްހޫރު ހޮޓަލެއްގައި ބަންދުކޮށްފައެވެ.

މުތައިބް ދޫކޮށްލީ އެއް ބިލިއަން ޑޮލަރު ދެއްކުމުގެ އިތުުރުން އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތު ތަކަށް އެއްބަސްވުމަށް ޝަރުތުކޮށްފައި ކަމަށް ސައުދީގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނެއެވެ.