މޯލްޑިވްސް އިމިގްރޭޝަނުން ދޫކުރާ ޕާސްޕޯޓު ކާޑު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ލިޔުމެއްގެ ގޮތުގައި ބޭނުން ކުރުމަށް ރައީސް ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ ޕާސްޕޯޓް ކާޑަކީ، ދިވެހި ރާއްޖޭގައި މި ވަގުތު ބޭނުންކުރާ ކާކުކަން އަންގައިދޭ ލިޔުންތަކުގެ ތެރެއިން ޕާސްޕޯޓް ފިޔަވައި ސަލާމަތީ ގޮތުން އެންމެ ރައްކާތެރި، ނަކަލު ނުކުރެވޭނެ ގޮތަށް ހަދާފައިވާ ކާކުކަން އަންގައިދޭ ލިޔުން ކަމަށެވެ.

އެހެންކަމުން ސަރުކާރުގެ މުއައްސަސާތަކާއި ހޮސްޕިޓަލްތަކާއި ބޭންކުތައް ފަދަ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެއްވާ ތަންތަނުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެކޭ އެއްފަދަ އިން ޕާސްޕޯޓް ކާޑަކީ ވެސް ކާކުކަން އަންގައިދޭ ލިޔުމެއްގެ ގޮތުގައި ބަލައިގަތުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ކަމަށް އެ ދެންނެވުމުގައިވެ އެވެ.

ޕާސްޕޯޓު ކާޑަކީ ބޭންކް ކާޑެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ ކާޑެކެވެ. މި ކާޑު ހެދުމުގެ ފީއަކީ 450 ރުފިޔާ އެވެ. މި ކާޑު ހަދައިދިނުމަށް ހަމަޖެހިފައި ވަނީ 2016 ޖެނުއަރީގެ ފަހުން އީ -ޕާސްޕޯޓު ހައްދާފައިވާ ފަރާތްތަކަށާއި އަލަށް އީ ޕާސްޕޯޓު ހަދާ ފަރާތް ތަކަށެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ޕާސްޕޯޓު ކާޑު ތައާރަފްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.