ޅ. ނައިފަރުގެ މިސްކިތްތަކުގަ އާއި އެ ރަށުގެ އެނޫން ވެސް ތަންތަނުގައި ދީނީ ދަރުސްދިނުމަށާއި ތަޤްރީރުކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިން ދީފައިވާ ހުއްދަ ނައިފަރު ރަށު ކައުންސިލްގެ އިދާރާ އިން ބާތިލުކޮށް، ރަށު ކައުންސިލްގެ ހުއްދަ ނެތި އެފަދަ ކަންކަން އެ ރަށުގައި ކުރުން މަނާކޮށްފި އެވެ.

ނައިފަރު ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވަނީ އެކައުންސިލްގެ ހުއްދައެއް ނެތި އެ ރަށުގެ މިސްކިތްތަކުގައްޔާއި އެހެނިހެން ތަންތާންގައި އެއިދާރާގެ ހުއްދައެއްނެތި އެކިއެކި ކްލާސްތައް ނަގާދިނުމާއި ދީނީ ދަރުސްތައް ދިނުމާއި ތަޤްރީރުކުރުން ފަދަ ކަންކަން ކުރުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާ ފާސްކޮށްފަ އެވެ. އަދި އެ ކައުންސިލް އުފެދުމުގެ ކުރިން ދީނީ ނަސޭހަތް ދިނުމަށާއި ތަޤްރީރުކުރުމަށް ދީފައިވާ ހުއްދައެއް ވާނަ އެ ހުއްދައަކީ ބާތިލް އެއްޗެއް ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

ނައިފަރު ކައުންސިލުން ބުނީ މީގެފަހުން އެފަދަ ކަންކަން އެ ރަށުގައި ކުރެވޭނީ ރަށު ކައުންސިލުން ހުއްދަދޭ ފަރާތްތަކަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އެމިނިސްޓްރީން ދީފައިވާ ފަރާތްތަކަށް ރަށްރަށުގެ މިސްކިތްތަކުގަ އާއި އެނޫން ވެސް އެފަދަ ތަންތަނުގައި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އާއްމުކޮށް ދީފައިވާނެ ކަމަށެވެ. ނަމަވެސް ކައުންސިލުން ބާތިލް ކޮށްފައި ވަނީ ދީނީ ދަރުސް ދިނުމުގެ ހުއްދަ ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށާއި އެފަރާތުން އެދިވަޑައިގެންނަ ވަނީ ދަރުސްތައް ދިނުމުގެ ކުރިން އެފަރާތުގެ ހުއްދަ ހޯދުން ކަމަށް ވެސް އަހުމަދު ﷲ ވިދާޅުވި އެވެ.

"މީގެން މާނަކުރެވެނީ މިސްކިތެއްގައި ވެސް އެނޫން ވެސް ތަނެއްގައި ވެސް ދީނީ ތަގުރީރުތައްދީ ހެދޭނީ ކައުންސިލުން ހުއްދައެއް ނަގައިގެންނޭ،" ނައިފަރު ކައުންސިލުން ނެރުނު އިއުލާނާ ހަވާލާދީ އަހުމަދުﷲ ވިދާޅުވި އެވެ.

ނައިފަރު ކައުންސިލްގެ އެނިންމުން ކުށްވެރިކޮށް ނައިފަރުގެ އަދާލަތު ޕާޓީގެ ގޮފިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދީނީ ތަޤްރީރު ދިނުމާއި ވަޢުޒު ވިދާޅުވުމުގެ ހުއްދައަކީ ދީނުގެ އިލްމު އުނގެނިގެން ތިބި ބަޔަކަށް އިސްލާމިކް މިނިސްޓްރީން ދޭ ހުއްދައަކަށްވާ އިރު އެފަދަ ހުއްދައެއް ބާތިލްކޮށް އުވާލުމުގެ އިހްތިޔާރާއި ބާރު ސަރުކާރުގެ މިނިސްޓްރީތަކުގެ ދަށުން ހިންގޭ އެއްވެސް މުއައްސަސާއަކަށް ލިބިގެން ނުވާ ކަމަށެވެ.

"ހުއްދަތަކުގައިވާ ގޮތުގެ މަތިން ރާއްޖޭގައި ދީނީ ތަޤުރީރު ދިނުމާއި ވަޢުޒު ވިދާޅުވުމުގެ ހުއްދަ އަށް އަމަލު ނުކުރެވޭނެ ކަމަށް ދޭހަވާ އިބާރާތަކުން ގަރާރު ފާސްކުރުމަކީ މިނިސްޓްރީތަކަށް އިހުތިރާމް ކުރުމެއް ނެތި އެފަދަ މަސައްކަތަކީ ސީދާ ކައުންސިލުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދެއްކުމަކީ ކައުންސިލްގެ މަގާމާއި ކައުންސިލްގެ މަސައްކަތްތައް އޮޅި ހަމަމަގުން ކަށިޔާރުވުން ކަމަށް ދެކެން،" އަދާލަތުގެ ބަޔާނުގައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ރަށު ކައުންސިލް އަދި އިސްލާމިކް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.