29 Nov 2017, 09:56
އިއްޔެ އިން ފެށިގެން މިމަހުގެ ނިޔަލަށް އިންޑިއާގެ ހައިދްރަ އާބާދުގައި ކުރިއަށްދާ ގްލޯބަލް އެންޓްރަޕްރެނިއާ ސަމިޓްގެ ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ބައިވެރިވެލައް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕެވެ.
އިވަންކާ އަކީ ހެދުން ތުރުކުރެއްވުމުގައި ރީތި ހެދުންތައް ހިޔާރު ކުރައްވާ ބޭކަނބަލެކެވެ. އާންމުކޮށް ހުދާއި ކަޅު އަދި ޕޭސްޓަލް ކުލަތަކުން ހެދުން ތުރުކުރައްވާ އިވަންކާ، އިއްޔެ ތުރުކުރައްވައިގެން ހުންނެވީ ފެހި ކުލައިގެ މާޖެހި ހެދުމެކެވެ. އިވިއަންކާގެ މި ހެދުމަށް ސޯޝަލް މީޑިއާގައި ވަނީ ފާޑުކިޔުންތައް ކުރިމަތިވެފަ އެވެ. އެ ހެދުމަކީ އިވަންކާގެ ޝަރަފުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްވި ފަރިއްކޮޅުގައި އިވަންކާ ތުރުކުރައްވައިގެން އިންނެވި ގަދަ ފެހި ކުލައިގެ މާ ޖެހި ހެދުމެވެ.
އެގޮތުން ބައެއް މީހުން ވަނީ އިވަންކާގެ ހެދުމަކީ "ބަގީޗާ"އެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި ހުދާއި ކަޅުން ހެދުން ތުރުކުރެއްވުމުންް އެކަމަނާގެ ޝަހުސިއްޔަތު ފާޅުވާ ކަމަށާއި ފެހި ކުލައިގެ ހެދުން އެއްގޮތަކަށް ވެސް އިވިއަންކާއާ ނުގުޅޭ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.
އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި، އިންޑިއާގެ ސްޓައިލިސްޓް ނީތާ ލައްލާގެ ޑިޒައިނެއް ވެސް އިވަންކާ ތުރުކުރައްވާނެ އެވެ. އެގޮތުން ނީތާ ޑިޒައިންކޮށްފައިވާ އައިވަރީ އަދި ރަން ކުލައިގެ ސާޅިއެއް އިވަންކާ ތުރުކުރައްވާނެ ކަމަށް ނީތާ ވަނީ މީޑިއާގައި ބުނެފަ އެވެ. އެ ހެދުމަކީ މިއުޒިކް އިންސްޓްރޫމަންޓް "ސިތާރް"ގެ އިންސްޕިރޭޝަން އަކަށް ޑިޒައިންކޮށްފައިވާ ހެދުމެއް ކަމަށް ވެސް ނީތާ ވަނީ ބުނެފަ އެވެ.
އިއްޔެ ފެށި ގްލޯބަލް އެންޓްރަޕްރެނިއާ ސަމިޓްގައި އިވަންކާ ވަނީ އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.