ސޯލް (ނޮވެންބަރު 29) : އުތުރު ކޮރެޔާއިން އަނެއްކާ ވެސް ދުރުރާސްތާގެ ބަލިސްޓިކް މިސައިލެއް ތަޖްރިބާކޮށްފި އެވެ.

މިކަން ކަށަވަރުކޮށް ދެމުން އެގައުމުގެ އަވަށްޓެރި ދެކުނު ކޮރެޔާގެ ސިފައިންގެ ޗީފް އޮފް ސްޓާފްގެ އޮފީހުން ބުނީ އުތުރުން ތަޖްރިބާކުރީ ބައްރުތައް ހުރަސްކުރެވޭ ވަރުގެ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލެއް ކަމަށާއި އެ މިސައިލް ދަތުރުކުރީ ކޮރެޔާކަނޑާއި ޖަޕާން ކަނޑުގެ މަތިން ކަމުގަ އެވެ.

އުތުރުކޮރެޔާ އިން މި މިސައިލް ތަޖްރިބާކޮށްފައި މިވަނީ މިބާވަތުގެ މިސައިލެއް ތަޖްރިބާ ނުކުރާތާ ގާތްގަނޑަކަށް ދެމަސް ބައި ވުމަށްފަހުގަ އެވެ. އެންމެ ފަހުން އުތުރުން މިބާވަތުގެ މިސައިލެއް ތަޖްރިބާކުރީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އުތުރުކޮރެޔާއިން ތަޖްރިބާކުރީ ނިއުކްލިޔާ ވޯހެޑް ހަރުކުރުމުގެ ގާބިލްކަން ވެސް ހުރި މިސައިލެއް ކަމަށް ޖަޕާނުން ބުނެ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޫ އަބޭ ވަނީ މިއީ އުދުވާނީ އަމަލެއް ކަމަށް ސިފަކުރައްވައި އުތުރުކޮރެޔާގެ މިފަދަ އަމަލުތަކާ މެދު އަޅާނުލާތިބެގެން ނުވާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އދ.ގެ ޑިޕްލޮމެޓިކް ދާއިރާތައް ބުނާ ގޮތުން ސަލާމަތީ މަޖިލީހުން ގެންދަނީ މިމައްސަލާގައި ކުއްލި ޖަލްސާއެއް ބާއްވައި އުތުރުކޮރެޔާ ކުށްވެރިކޮށް ބަޔާނެއް ނެރުމަށް ތައްޔާރުވަމުންނެވެ.

އުތުރު ކޮރެޔާގެ ބަލިސްޓިކް މިސައިލް ތަޖްރިބާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އެކަމާ މެދު އަޅާނުލައި ދޫކޮށް ނުލައްވާނެ ކަމުގަ އެވެ. ނަމަވެސް ސަލާމަތީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި އުތުރުކޮރެޔާ ކުށްވެރިކޮށް ގަރާރެއް ފާސްކުރުން ނޫނީ ބަޔާނެއް ނެރުން ފިޔަވައި އެހެންކަމެއް އެމެރިކާއަށް ވެސް ޖަޕާނަށް ވެސް އަދި ދެކުނު ކޮރެޔާއަށް ވެސް ނުކުރެވޭނެ ކަމަށް މުރާސިލުން ބުނެ އެވެ.

އުތުރުކޮރެޔާއިން ވަނީ އެގައުމުގެ ހަތިޔާރުގެ އިންޑަސްޓްރީ އާ ނުބެހޭ ގޮތަށް ސުލްޙައިގެ ވާހަކަތައް ކުރިޔަށް ގެންދަން ތައްޔާރަށް އޮތްކަމަށް ބުނެފަ އެވެ. ނަމަވެސް އުތުރުކޮރެޔާގެ ހަތިޔާރުގެ އިންޑަސްޓްރީ އާ ކުޅޭ ނަމަ އެމެރިކާއާއި ދެކުނު ކޮރެޔާއާއި އެހެން ގައުމުތަކުގެ ހަތިޔާރުގެ އިންޑަސްޓްރީތަކާއި އެ ގައުމުތަކުގައިވާ ނިއުކްލިޔާ ހަތިޔާރުތައް ވެސް ނައްތާލަން ޖެހޭނެ ކަމަށާއި ބައެއް ގައުމުތަކުގައި ނިއުކްލިޔާ ހަތިޔާރާއި ބަލިސްޓިކް މިސައިލް ހުރުމަށް ހުއްދަ އޮވެފައި އަނެއްބައި ގައުމުތަކަށް މިކަން މަނާކުރާކުރުމަކީ އުތުރުކޮރެޔާ ގަބޫލުކުރާނެ ކަމެއް ނޫންކަމަށް އެގައުމުން ބުނެ އެވެ.

އެމެރިކާއަށް ވަނީ އުތުރުކޮރެއާއަށް ބިރުދައްކައިގެން ވެސް އަދި އެ ގައުމަށް ސުލްޙަ ހުށަހަޅައިގެން ވެސް ކާމިޔާބެއް ލިބޭ ގޮތް ނުވެފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އުތުރު ކޮރެޔާއަށް ބޭރުފުށުން އަސްކަރީ ބިރު ދެއްކުމަށް ފަހު ފަރުދާގެ އަނެއް ފަރާތުން ސުލްޙައިގެ ޕެކޭޖްތައް އެތައް ފަހަރަކު ހުށަހަޅުއްވާފަ އެވެ. ނަމަވެސް މިއީ އުތުރުކޮރެޔާގެ ނިއުކްލިޔާ ހަތިޔާރާއި ބަލިސްޓިކް މިސައިލްގެ ޕްރޮގްރާމް ދޫކޮށްލާ ގޮތަށް ހުށަހަޅާފައިވާ ސުލްހައިގެ ޕެކެޖްތައް ކަމަށްވާތީ އުތުރުކޮރެޔާއިން ވަނީ ޓްރަމްޕްގެ މިހުށަހެޅުންތަކަށް އަޅާނުލައި ދޫކޮށްލާފަ އެވެ.

އުތުރުކޮރެޔާއަކީ ދުނިޔޭގައި ފަސް ވަނައަށް އެންމެ ބާރުގަދަ އަސްކަރީ ބާރުކަމަށްވެފައި އެގައުމުގައި ނިއުކްލިޔާ ހަތިޔާރު ހުރުމުން އުތުރުކޮރެޔާގެ އަމަނާކުޅެ އެގައުމަށް އަސްކަރީ ގޮތުން ގޯނާ ކުރުމަކީ އެމެރިކާއަށް ވެސް އަދި އެމެރިކާގެ ހިޔަނީގައި އުޅޭ ޔޫރަޕްގެ ގައުމަކަށް ވެސް ކުރަންކެރޭނެ ކަމެއް ނޫނެވެ.

އުތުރުކޮރެޔާ އިން ހަތިޔާރުތައް ހަދައި އެތަކެތި ތަޖްރިބާ ކުރިނަމަވެސް އެމެރިކާ ގޮތަށް އުތުރު ކޮރެޔާއިން ދުނިޔޭގެ ގައުމުތަކަށް އަރައި ހަނގުރާމަ ކުރުމާއި ގައުމުތަކަށް އިސްވެ ހަމަލާދިނުމާއި ޓެރަރިސްޓް ޖަމާއަތްތަކަށް ސިއްރިޔާތުގައި އެހީތެރިވުން ފަދަ ފަނާކުރަނިވި އަމަލުތަކެއް އުތުރުކޮރެޔާ އިން ހިންގަމުން ނުގެންދެ އެވެ. (ނޫސްއެޖެންސީތައް)