29 Nov 2017, 09:38
ކުޅަދާނަ ބަތަލާ ވަރުން ދަވަން ފިލްމް ކުޅޭ އަގު ބޮޑު ކުރީ ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެގެން ކަމަށް ވަރުން ދަވަން ބުނެފި އެވެ.
"ޑެކަން ކްރޯނިކަލް" އަށް ދިން އިންޓަވިއުއެއްގައި ވަރުން ބުނީ ކަރަން އަކީ އޭނާ ފިލްމީ ދާއިރާ އަށް ނެރެދިނުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން މީހާ ކަމަށާއި އޭނާ މިއަދު ހުރި ހިސާބަށް ގެނެސްދިނުމުގައި ކަރަން އިސްރޯލެއް އަދާ ކޮށްފައިވާ ކަމަށެވެ.
"އޭނާ އަކީ އަހަރެން ކުރިއަރުވަން އެންމެ މަސައްކަތް ކުރި އެކަކު. އެހެންވެ އޭނާ ބުނި ބުނުމަކަށް ފިލްމް ކުޅޭ އަގު ބޮޑު ކުރީ. މިއަދު އަހަރެން އޭނާ ބުނާ ގޮތް ހަދަން ޖެހޭ. އަހަރެން ކާމިޔާބު ވުމުގެ ސިއްރަކީ އޭނާ އޭ ބުންޏަސް ދޮގަކަށް ނުވާނެ،" ވަރުން ބުންޏެވެ.
ވަރުން މީގެ ކުރިން ފިލްމެއް ކުޅެނީ އަށް ކްރޯޑު (80 މިލިއަން ރުޕީސް) އަށެވެ. ނަމަވެސް އެންމެ ފަހުން ނުކުތް "ޖުޅްވާ 2"ގެ ބޮޑު ކާމިޔާބީ އަށް ފަހު އޭނާ ވަނީ ފިލްމު ކުޅެދޭ އަގު 13 ކްރޯޑު (130 މިލިއަން ރުޕީސް) އަށް ބޮޑުކޮށްފަ އެވެ.
"ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ފިލްމީ ދާއިރާ އަށް ނުކުތް ހުނަރުވެރި ބަތަލު މިހާތަނަށް ކުޅުނު އެއް ފިލްމްވެސް އަދި ފްލޮޕެއް ނުވެއެވެ. މިކަމުގެ ސަބަބުން ވަރުން ވެފައިވަނީ މިއަދު ބޮލީވުޑްގެ އެންމެ ހިނގާ އެންމެ މަޝްހޫރު އެއް ބަތަލަށެވެ.