29 Nov 2017, 09:41
އުރީދޫ އިން ރާއްޖޭގެ ދުވުމުގެ މައިދާނަށް މުޅިން އަލަށް ތައާރަފު ކުރާ "ކަލާ ރަން"ގެ ބިބް ނަމްބަރު ދޫކުރުމާއި ޓީޝާޓު ވިއްކުން މިއަދު އޮންނާނެ ކަމަށް އުރީދޫ އިން ބުނެފި އެވެ.
އުރީދޫ އިން ބުނީ ދުވުމުގައި ބައިވެރިވާން ރެޖިސްޓާވެފައިވާ ފަރާތްތަކަށް މިއަދު ހަވީރު އޮންނަ އުރީދޫ ކަލާ ރަން އެކްސްޕޯގައި ބިބް ނަމްބަރު ދޫކުރުމާއި ޓީޝާޓު ވިއްކުން ކުރިއަށް ދާނެ ކަމަށެވެ.
މި އެކްސްޕޯ ކުރިއަށް ދާނީ މިއަދު ހަވީރު 16:00 އިން 18:00 އަށެވެ. އަދި މާދަމާ ރޭ 20:00 އިން 22:00 އަށެވެ. އަދި ރެޖިސްޓާ ވެފައިވާ ފަރާތްތަކުން ބިބް ނަމްބަރު ބަލައި އަންނަ އިރު، އައިޑީކާޑު ގެންނަން ޖެހޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ. ނަމަވެސް ބިބް ނަމްބަރު ބަލައި އެހެން މީހަކު ފޮނުވާ ނަމަ އެ މީހެއްގެ އަތަށް އައިޑީ ކާޑުގެ ކޮޕީއެއް ދިނުމަށް ވެސް އުރީދޫ އިން އެދެ އެވެ.
ޔުނިކްސް ސްޕޯޓްސްއާ އެކު ކުރިއަށްގެންދާ ކަލާ ރަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ހުޅުމާލޭގަ އެވެ.
ތަފާތު ހަރަކާތްތަކެއް ހިމެނޭނެ ގޮތަށް އުރީދޫއިން ބާއްވަން ނިންމާފައިވާ އެ އިވެންޓަކީ ރާއްޖެ އަށް މުޅިން އާ އިވެންޓެއް ނަމަވެސް އެއީ ދުނިޔޭގެ އެކި ހިސާބުތަކުގައި މަގުބޫލުކަން ހޯދާފައިވާ ދުވުމުގެ އިވެންޓެކެވެ. އަދި އެ އިވެންޓަށް ރާއްޖޭގެ ގިނަ ދުވުންތެރިން ވަނީ ހޫނު މަރުހަބާ އެއް ކިޔައިފަ އެވެ.
އުރީދޫ ކަލާ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.