އާޖެންޓީނާގެ މިޑްފީލްޑަރު ޕާސްތޯރޭ ހޯދުމުގެ ރޭހުން އިނގިރޭސި ކްލަބް ޗެލްސީގެ މައްޗަށް ގަދަވެގަތުމަށް ފްރާންސް ކްލަބް ޕީއެސްޖީ އިން 42 މިލިޔަން ޕައުންޑަށް ޕާސްތޯރޭގެ ސޮއި ހޯދައިފި އެވެ. ޕީއެސްޖީ އިން ވަނީ ޕާސްތޯރޭ އެކްލަބަށް ސޮއިކޮށްފައިވާކަން ރަސްމީކޮށް އިޢުލާންކޮށްފަ އެވެ.

އުމުރުން 22 އަހަރުގެ ޕާސްތޯރޭ ހޯދުމަށް މިދިޔަ 18 މަސްތެރޭގައި ޔޫރަޕްގެ ބޮޑު ކްލަބްތަކަކުން ވަނީ މަސައްކަތްކޮށްފަ އެވެ. އެގޮތުން އޭސީ މިލާން، މެންޗެސްޓާ ސިޓީ އަދި އެންމެ ފަހުވަގުތާއި ޖެހެންދެން ޕާސްތޯރޭ ހޯދުމަށް މަސައްކަތްކުރި ޗެލްސީ ހިމެނެ އެވެ.

ޕާސްތޯރޭގެ ކްލަބް ޕަލާމޯގެ ރައީސް މައުރޯ ޒަމްޕަރިނީ އެކްލަބްގެ ތަރިން ހެޔޮއަގުގައި ނުވިއްކާނެ ކަމަށް ތަކުރާރުކޮށް ބުނެފައިވަނިކޮށް ބޮޑު އަގެއްގައި އެކްލަބުގެ ޕާސްތޯރޭ ޕީއެސްޖީގެ އަރަބި ވެރިން ވަނީ ގަނެފަ އެވެ.

"ހާވިއާ ޕާސްތޯރޭ މިދިޔަ ހޮނިހިރު ދުވަހު ޕީއެސްޖީ އަށް ފަސް ސީޒަންގައި ކުޅުމަށްވަނީ ސޮއިކޮށްފައި. އޭނާ ކުޅޭނީ 27 ނަމްބަރު ޖާޒީގައި ޕީއެސްޖީއާ އެކު ޕާސްތޯރޭ އަންނަ ހޯމަ ދުވަހު ހަވީރު އޮންނަ ނޫސް ކޮންފަރެންސެއްގައި ބައިވެރިވާނެ." ޕީއެސްޖީއިން ނެރުނު ބަޔާނެއްގައިވެ އެވެ.

ޕާސްތޯރޭ 42 މިލިޔަން ޕައުންޑަށް ގެންދިއުމުން މިހާރު އެކްލަބްގެ ތާރީޚުގައި ގަތް އެންމެ އަގުބޮޑު ކުޅުންތެރިއަކަށް ޕާސްތޯރޭވަނީ ވެފަ އެވެ. ކުރިން އެރެކޯޑް އޮންނަނީ މިހާރު ޗެލްސީއަށް ކުޅެމުންދާ ފޯވާޑް ނިކޮލަސް އަނެލްކާ އަތުގަ އެވެ. ރެއާލް މެޑްރިޑުން ޕީއެސްޖީ އިން އަނެލްކާ ގަނެފައި ވަނީ 33.5 މިލިޔަން ޕައުންޑަށެވެ.

ޕީއެސްޖީން ސީޒަން ފެށި މެޗްގައި އެކްލަބްގެ ސަޕޯޓަރުންނަށް ޕާސްތޯރޭވަނީ ދައްކާލާފަ އެވެ. ނަމަވެސް އެމެޗްގައި ޕާސްތޯރޭ ކުޅެފައެއް ނުވެއެވެ. ލޮރިއެންޓްއާއި ބައްދަލުކުރިމެޗް ޕީއެސްޖީ ބަލިވެފައި ވަނީ 1-0 ންނެވެ.