ރާއްޖޭގެ ސަރަހައްދުގައި ވަގަށް މަސްވެރިކަން ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ސްރީ ލަންކާގެ ދެ މަސް ބޯޓ ދިވެހި ސިފައިން އަތުލައިގެންފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ އެ މަސްބޯޓުތައް އަތުލައިގަތްފައި ވަނީ، ވ. އަތޮޅުގެ އިރުން މިއަދު އިރު އޮއްސުނު ވަގުތު ކަމަށެވެ.

ދިގުމިނުގައި 13 މީޓަރު (42 ފޫޓު) ހުރި އެ ދެ މަސްބޯޓުގައި، ކޮންމެ ބޯޓެއްގައި ފަސް މީހުން ތިބިއިރު، ދެ ބޯޓު އަތުލައި ގަތީ އެ ސަރަހައްދުގައި ޕެޓްރޯލް ކުރަމުންދިޔަ ކޯސްޓްގާޑުގެ އުޅަނދަކަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި، ދެ ބޯޓު ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ މައްސަލަ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަދި އެކަމަށްޓަކާ ދެ ބޯޓު ވެސް މާލެ ގެންނަން ނިންމާފައިވާއިރު، ބޯޓު އޮތް ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ދެ ބޯޓުވެސް މާލެ ގެނެވޭނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަގަށް މަސްވެރިކަން އުޅެނިކޮށް ލަންކާ ދެ މަސްބޯޓެއް ކޯސްޓްގާޑުން އަތުލައިގަތްފައިވާއިރު، މިމަހުގެ ތެރޭގައި ގއ. ކޮލަމާފުށީ ބޭރުން ރާއްޖޭގެ މަސްދޯނިތަކަކަށް ފެނިގެން ބޭރުގެ ފަސް ބޯޓެއް ވަނީ ހިފަހައްޓައިފަ އެވެ.

ނަމަވެސް އެ ބޯޓުތަކަކީ ރަސްމީ ފަރާތްތަކުން ހުއްދަ ނަގައިގެން ސްރީލަންކާއިން މޮރިޝަސްއަށް ދަތުރުކުރަމުންދިޔަ ބޯޓުތަކެއްކަން ކަމަށް ބުނެ އެމްއެންޑީއެފުން އެ އުޅަނދުތައް ދޫކޮށްލި އެވެ.