މަތީ ތައުލީމާއި ތަމްރީން ހޯދަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ހާއްސަ ސްކީމްގެ ދަށުން 566 ދަރިވަރަކަށް ލޯނު ދޫކޮށްފިއެވެ.

އެކަމަށްޓަަކައި އިސްކަންދަރު ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ލޯނު ލިބުނު ކުދިންނަށް އެކަން އަންގައިދޭ ލިޔުން ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރު ޑރ. އައިޝަތު ޝިހާމެވެ.

މި އަހަރުގެ އޮގަސްޓު މަހު ސަރުކާރުން ހުޅުވާލި ލޯނުގެ އެއްހާސް ފުރުޞަތުގެ ތެރެއިން މި ފަހަރު ލޯނަށް އެދިފައި ވަނީ 612 ދަރިވަރުން ކަމަށް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަނުން މައުލޫމާތުދެ އެވެ. އެ ޑިޕާޓްމަންޓުން ބުނީ މިއީ ލޯނު ސްކީމްގެ ދަށުން މަތީ ތައުލީމް އުނގެނުމަށް ދަރިވަރުންނަށް ލޯނު ދޫކުރެވުނު 10 ވަނަ ފަހަރެވެ. އެގޮތުން މީގެ ކުރިން ވަނީ ޖުމުލަ 5،200 އަށް ވުރެ ގިނަ މިފަދަ ފުރުޞަތުތައް ހުޅުވާލާފައެވެ.

ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ އައިޝަތު ޝިހާމް މިރޭގެ ވިދާޅުވީ އަންނަ މަހުގެ ކުރީކޮޅު 2018 ވަނަ އަހަރު ދޭން ނިންމާފައިވާ ސްކޮލަޝިޕް ފުރުޞަތުތަކަށް އެދުމަށް ހުޅުވާލާނެ ކަމަށާއި އެގޮތުން ޖުމުލަ 2050 ފުރުޞަތު މި ބުރުގައި ހުޅުވާލާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ސަރުކާރުން ހަމަޖައްސައިދޭ މިފަދަ ލޯން ތަކާއި ސްކޮލަޝިޕްގެ ތެރެއިން މަތީތައުލީމް ހާސިލް ކުރުމަށް ފަހު އެނބުރި އައިސް ރާއްޖެއަށް ފައިދާ ކުރުވަނިވި ދާއިރާއަކުން ކުރިއަށް ދިޔުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކަށް ވެސް މަތީ ތައުލީމްގެ ފުރުޞަތު ހޯދައިދިނުން ކަމަށެވެ.

މިރޭ ހަވާލު ކުރި ލޯން ސްކީމްގެ ދަށުން ރާއްޖެއިންނާއި ރާއްޖޭން ބޭރުން ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުޞަތު ވަނީ ހަމަޖައްސާދީފައެވެ.