އެމެރިކާގެ ލޯ އެންފޯސްމަންޓް އެޖެންސީ، ދަ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ހިންގާ ތަމްރީން ޕްރޮގްރާމަކަށް ދިވެހި ދެ ފުލުހަކު އިންޑިއާއަށް ފުރައިފި އެވެ.

“އެފްބީއައި ލާޖް ވެހިކަލް ބޮމްބް ޕޯސްޓް ބްލާސްޓް" ގެ ނަމުގައި ކުރިއަށް ގެންދާ އެ ތަމްރީނު ޕްރޮގްރާމް އިއްޔެ އިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

އެ ތަމްރީން ޕްރޮގްރާމަށް އިންޑިއާއަށް ގޮސްފައިވަނީ، ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރު އަހުމަދު އަޒްމަތު އަަބްދުﷲ އާއި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރު އިބްރާހީމް މައުރޫފެވެ.

ފުލުހުން ބުނީ، ދިވެހި ދެ ފުލުހުން ބައިވެރިވާ އެ ތަމްރީން ޕްރޮގްރާމަކީ ބޮމުގެ ހާދިސާ އަކަށްފަހު ތަންފީޒީ އިދާރާތައް ގުޅިގެން އެ ހާދިސާ ހިނގާފައިވާ ސަރަހައްދު ނުވަތަ ކްރައިމް ސީން މެނޭޖް ކުރާނެ ގޮތްތައް ކިޔަވައިދީ އެކަމަށް އަހުލުވެރިކުރުމުގެ ގޮތުން ހިންގާ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.