28 Nov 2017, 22:30
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ވެފައި ކަނޑު ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާ، މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް އިން ބުނެފި އެވެ.
އެ އިދާރާއިން ބުނީ، ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ މި ސަރަހައްދުގައި އުފެދިފައިވާ "ލޯޕުރެޝަރު ޓްރަފެއް"ގެ ސަބަބުން ކުރަމުންދާ ވިއްސާރަ އެއް ކަމަށެވެ.
އެގޮތުން މިރޭ 8:00 އިން މާދަމާ ރޭގެ 8:00 އަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާ ކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާއިރު ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ.
އަދި މެދު ތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކޮށްފައިވާއިރު، އުތުރު އަތޮޅުތަކަށް ވައި ޖެހޭނެ ކަމަށް ލަފާ ކޮށްފައިވަނީ ހުޅަނގު އުތުރުން ގަޑިއަކު ހަތް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ.
މެޓް އޮފީހުން ބުނީ، ވިލާގަނޑުގައި ގަޑިއަކު 25 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި އެހެން ހިސާބު ތަކުގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އަދި އިއްޔެއަކީ ހުޅަނގު މޫސުމުގެ އަށާރަވަނަ ނަކަތް ކަމުގައި "ދޮށަ" ފެށުނު ދުވަހެވެ.