28 Nov 2017, 22:29
ސެވިއްޔާގެ ކޯޗު އެޑުއާޑޯ ބެރީޒޯއަށް ޕްރޯސްޓޭޓް ކެންސަރު ޖެހި ސާޖަރީއެއް ހެދުމަށް ޓީމާ ދުވަސް ކޮޅަކަށް ދުރަށްދާން ނިންމާފައިވާ ކަމަށް އެ ކުލަބުން ހާމަކޮށްފި އެވެ.
ބެރީޒޯއަށް ކެންސަރު ޖެހިފައިވާ ކަމަށް ސެވިއްޔާ އިން ހާމަކުރީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެ ޓީމުގެ ރަސްމީ ވެބްސައިޓުގައި އާންމުކުރި ބަޔާނެއްގަ އެވެ.
ސެވިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިރޭގެ ވަގުތެއްގައި ބެރީޒޯ ސާޖަރީއެއް ހެދުމަށް ނިންމާފައިވާ ކަމަށާއި އަލުން އަނބުރާ ކޯޗުގެ ޒިންމާތަކާއި އޭނާ ހަވާލުވާނީ ސާޖަރީއަށް ފަހު ކަންކަން ކުރިއަށްދާ ގޮތް ރަނގަޅަށް ބެލުމަށް ފަހު އޭނާއަށް އެ މަގާމު ފުރޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބުމުން ކަމަށެވެ.
ބެރީޒޯގެ ބަދަލުގައި ސެވިއްޔާގެ ކޯޗުގެ ހުރިހާ ޒިންމާތަކާއި ވަގުތީ ގޮތުން ހަވާލުވާނީ އޭނާގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ އާނެސްޓޯ މަރޫޗީ އެވެ. މަރޫޗީގެ އިރުޝާދުގެ ދަށުން ސެވިއްޔާ ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ރޭ ނުކުންނާނީ ކާޓެގާނާއާ ދެކޮޅަށެވެ.
ބެރީޒޯގެ އިރުޝާދުގެ ދަށުން މިދިޔަ އާދިއްތަ ސްޕެނިޝް ލަލީގާގައި އެ ޓީމުން ވަނީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ވާދަވެރި ވިލަރެއާލް ބަލިކޮށްފަ އެވެ.