07 Aug 2011, 11:20
އެންޑަލެޗްޓްގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އިނގިރޭސި ކްލަބް ޗެލްސީއަށް ގެންނަން ހުށަހަޅާފައިވާ ފީއަށް އެއްބަސްވެފައިވާކަމަށް ޗެލްސީއިން ކަށަވަރުކޮށްދީފި އެވެ.
މެޑިކަލް ޓެސްޓްގައި ބައިވެރިވެ އެއްބަސްވުމުގައި ސޮއިކުރުމުން ލުކާކޫ ޗެލްސީގެ ކުޅުންތެރިއަކަށް ވެގެންދާނެ ކަމަށް އެކްލަބުން ބުނެ އެވެ.
އުމުރުން 18 އަހަރުގެ ފޯވާޑް ލުކާކޫ ހޯދުމަށް ޗެލްސީއިން ވަނީ މިދިޔަ ޓްރާންފާ ޕީރިއަޑުގައި ވެސް މަސައްކަތްކޮށް ކާމިޔާބުނުވެފަ އެވެ. ނަމަވެސް މި ޓްރާންސްފާ ޕީރިއަޑްގައި ލުކާކޫ ޗެލްސީއާއި ގުޅޭނެކަމަށް މިހާރު ބެލެވިފައިވެ އެވެ.
"ފޯވާޑް ލުކާކޫ ޗެލްސީއަށް ގެންދިއުމަށް ޗެލްސީއާއި އެންޑަރލެޗްޓް އާއި ދެމެދު އެއްބަސްވުމަކަށް ވަނީ އާދެވިފައި. ލުކާކޫ މެޑިކަލް ޓެސްޓްގައި ބައިވެރިވެ އެއްބަސްވުމުގައި ސޮއިކުރުމުން ލުކާކޫ ޗެލްސީގެ ކުޅުންތެރިއަކަށް ރަސްމީގޮތން ވެގެންދާނެ." ޗެލްސީއިން ނެރުނު ބާޔާނެއްގައިވެ އެވެ.
ޗެލްސީއާއި އެންޑަރލެޗްޓްއާއި ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާކަން އެންޑަރލެޗްޓްއިންވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
"ޗެލްސީ އާއި އެންޑަރލެޗްޓް އާއި ދެމެދު އެއްބަސްވުމަކަށްވަނީ އާދެވިފައި. ލުކާކޫ މެޑިކަލް ޓެސްޓްގައި ބައިވެރިވެ އެއްބަސްވުމުގައި ސޮއިކުރުމުން ލުކާކޫ ފެންނާނީ ޗެލްސީގެ ކުޅުންތެރިއެއްގެގޮތުގައި." އެންޑަރލެޗްޓްގެ ރަސްމީ ވެބްސައިޓްގައި ބަޔާންކޮށްފައިވެ އެވެ.
"އަހަރެމެން ލުކާކޫ ދޫކޮށްލަން ބޭނުންނުވިނަމަވެސް މިއެއްބަސްވުމަކީ ކްލަބަށާއި ކުޅުންތެރިޔާއަށް ވެސް ފައިދާކުރާނެ އެއްބަސްވުމެއް. ލުކާކޫއާ އެއްވަރުގެ ކުޅުންތެރިއެއް ހޯދުމަށް މެނޭޖްމަންޓުން މަސައްކަތްކުރާނަން. ލުކާކޫގެ ކެރިޔަރުގައި ކާމިޔާބު ލިބުމަށް އަހަރެމެން އެދެން." އެންޑަރލެޗްޓްގެ ޖެނެރަލް މެނޭޖަރު ހާރމަން ވޭން ހޮލްސްބޭކް ބުންޏެވެ.
ޗެލްސީއާ އެކު މެޑިކަލް ޓެސްޓް ހެދުމަށް ލަންޑަނަށް ދާކަމަށް ލުކާކޫ ވެސް ކަށަވަރުކޮށްދީފައިވެ އެވެ. "އަހަރެން އެބައޮތް އިޢުލާނެއްކުރަން. އަހަރެން އަންނަ ހަފްތާގައި މެޑިކަލް ޓެސްޓް ހެދުމަށް ލަންޑަނަށް ދާނަން." ލުކާކޫގެ ޓްވިޓާ އެކައުންޓްގައި އޭނާ ޝާއިޢުކޮށްފައިވެ އެވެ.