29 Nov 2017, 09:29
ދިވެހިންނަށް "ކަލަ ރަން" އޭ ބުނުމުން އެއީ މުޅިން އާ އެއްޗަކަށް ވެދާނެ އެވެ. އަހަރެމެންގެ ތެރޭގައިި އެއީ ކޮންކަހަލަ ހަރަކާތެއް ކަން އެނގޭ އުޅޭނީ މަދު ބަޔެކެވެ. ނަމަވެސް ކަލާ ރަން އަކީ ދުނިޔޭގެ ވަރަށް ގިނަ ބޮޑެތި ގައުމުތަކުގައި ބާއްވަމުން އަންނަ ދުވުމެކެވެ. އޭގެ ތެރޭގައި ދެކުނު އަދި އުތުރު އެމެރިކާ، ޔޫރަޕު، އޭޝިއާ، އެފްރިކާ، ނިއުޒިލޭންޑް ފަދަ ގައުމުތަކުގައި މި ރަން ވަރަށް ކުލަ ގަދަ ގޮތެއްގައި ކޮންމެ އަހަރަކު އަންނަނީ ބާއްވަމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުނު "ކަލާ ރަން" އެއްގެ ތެރެއިން--
ފަސް ކިލޯ މީޓަރުގެ މި ދުވުން އެންމެ ފުރަތަމަ ކަލަ ރަންއެއް ބޭއްވީ 2011 ވަނަ އަހަރު އެމެރިކާގެ އެރިޒޯނާ ސްޓޭޓުގަ އެވެ. އެ ފަހަރު ޖުމްލަ 6000 މީހުން އެ ދުވުމުގައި ބައިވެރިވި އެވެ. އޭގެ ފަހުން މި އިވެންޓު އިތުރަށް ފުޅާވެ 2012 ވަނަ އަހަރު އެމެރިކާގެ 50 ސިޓީއެއްގައި ބޭއްވި މި ދުވުމުގައި ހަ ލައްކަ އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. މިހާރު މި ރަން އަކީ އެމެރިކާގައި ބާއްވާ ފަސް ކިލޯ މީޓަރުގެ އެންމެ ބޮޑު ދުވުމެވެ.
ރާއްޖޭގައި މި ދުވުން ބޭއްވުމަށް މުއާސަލާތީ ކުންފުނި އުރީދޫ އިން ވަނީ ނިންމައިފަ އެވެ. އެގޮތުން މި މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކަލާ ރަން ތައާރަފްކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީބް ޚާނެވެ.

ތަފާތު ކުލަތަކާ، ވާރޭގެ ފޯރީގައި އުރީދޫގެ "ކަލާ ރަން" އިފްތިތާހް ކުުމުގެ ތެރެއިން--
ކަލަ ރަން އާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޖީބް ޚާން ވިދާޅުވީ، އެފަދަ ފޯރިގަދަ ދުވުމުގެ ހަރަކާތެއް ދިވެހި ދުވުންތެރިންނާ ހަމައަށް ގެނެސްދިނުމަކީ، ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އުރީދޫގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި ކަލަ ރަން ބޭއްވުމުގެ މަގްސަދަކީ ދުވުމަށް ރާއްޖޭގައި މަގްބޫލުކަން އުފެދިފައިވާ ދުވަސްވަރެއްގައި ދުވުން ފަދަ ސިއްހަތަށް ފައިދާ ހުންނަ ކަމެއް ރައްޔިތުންނަށް ގެނެސްދިނުމުގެ ބޭނުމުގައި ކަމަށެވެ.

ތަފާތު ކުލަތަކާ، ވާރޭގެ ފޯރީގައި އުރީދޫގެ "ކަލާ ރަން" އިފްތިތާހް ކުުމުގެ ތެރެއިން--
ޔުނިކްސް ސްޕޯޓްސްއާ ގުޅިގެން އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ހުޅުމާލޭގައި ބާވަން ހަމަޖެހިފައިވާ މި ދުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނޫރާ ވިދާޅުވީ ފަސް ކިލޯ މީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާށާއި އާއްމުކޮށް ދުވާ މީހުންނަށް ވެސް ބައިވެރިވެވޭނެ މަޖާ އިވެންޓެއް ކަމަށެވެ.
"އުރީދޫ ކަލަ ރަންގައި ކޮންމެ ކިލޯ މީޓަރަކަށް ދުވެ ނިމުމުން، ބަހައްޓާފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެ. ފަސް ކިލޯ މީޓަރު ހަމަވާނެ ފަސް ކުލައިން ޖަރީވެފައި ތިބޭނީ. އަދި މި ދުވުމުގައި އެއްވެސް އިނާމެއް ނުވަތަ ވަނައެއް ދެވިގެން ނުދާނެ." ނޫރާ ވިދާޅުވި އެވެ.

ތަފާތު ކުލަތަކާ، ވާރޭގެ ފޯރީގައި އުރީދޫގެ "ކަލާ ރަން" އިފްތިތާހް ކުުމުގެ ތެރެއިން--
ނޫރާ ވިދާޅުވީ މި ދުވުމުގައި ބޭނުން ކުރާ ކުލަ އަކީ ސިއްހަތަށް ގެއްލުން ނުވާ ގޮތަށް ގުދުރަތީ ޒުވާރި ފުށުން ތައްޔާރު ކޮށްފިފައިވާ ކުލަ ކަމަށާއި ނަމަވެސް ކުލައިން އުނދަގޫ ވާ ފަރާތްތަކަށް ގޮގުލްސް އާއި މާސްކު ފަދަ ތަކެތި ބޭނުން ކުރެވޭނެ ކަމަށެވެ.
ކޮންމެ އަހަރަކު ވެސް، އެ އަހަރެއްގެ އުރީދޫ ކަލަ ރަންގެ އޮފިޝަލް ޗެރިޓީ ޕާޓްނަރެއް ހޮވައި ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ފައިސާގެ ވަކި ޕަސެންޓެއް އެފަރާތަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކަލަ ރަން ކާމިޔާބުކަމާ އެކު ވީހާ ވެސް ގިނަ މީހުންގެ ބައިވެރިވުމާ އެކު ބޭއްވުމަކީ އުރީދޫގެ އަމާޒެވެ. މި ދުވުމަށް މިހާރު ވެސް ގިނަ ބަޔެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ.