ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިންގެ ރައްކާތެރިކަން އިތުރު ކުރުމަށް ސަރުކާރަށް ތިން ހުށަހެޅުމެއް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒޭންގް ލިޒްހޮންގު ހުށަހަޅުއްވައިފި އެވެ.

އެ ހުށަހެޅުންތައް ސަރުކާރަށް ހުށަހެޅީ ޗައިނާގެ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ގައުމުގެ މެދުގައި މަޝްވަރާކުރުމަށް މިއަދު ހެނދުނު ފުލް މޫން ބީޗް ރިސޯޓުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޗައިނާ ސަފީރު ޒޭންގު ވިދާޅުވީ ޗައިނާއިން އަބަދުވެސް އެގައުމުގެ ފަތުރުވެރިންގެ ސަލާމަތީ ކަންތައްތަކާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ރާއްޖޭގައި ޗައިނާގެ ފަތުރުވެރިން ހޭދަކުރާ ދުވަސްތަކުގައި ދިމާވާ ހާދިސާތަކުގައި އެ ގައުމުގެ ރައްޔިތުންނަށް އެކިއެކި ގެއްލުންތައް ލިބިފައިވާ ކަން ޒޭންގ ފާހަގަކުރެއްވިއެވެ.

" ޗައިނާއިން އެ ގައުމުން ބޭރަށް ދަތުރުކުރާ ފަތުރުވެރިންގެ ސަލާމަތީ ކަންތައްތަކާ މެދު އަބަދުވެސް ކަންބޮޑުވޭ. ޗައިނާގެ ފަތުރުވެރިންނަށް ރާއްޖޭގައި ދިމާވި އެކިއެކި ނުރައްކާތެރި ހާދިސާތަކުގައި އެކިއެކި ގެއްލުންތައް ވަނީ ލިބިފައި" ޒޭންގް ވިދާޅުވިއެވެ.

ޗައިނާއިން ހުށަހެޅި ކަންތައްތައް

  • ކަމާބެހޭ މުއައްސަސާތަކުން ފޯކަލް ޕޮއިންޓެއް ކަނޑައެޅުން
  • ޗައިނާ ބަސް ރަނގަޅަށް އެނގޭ މުވައްޒަފުން އިތުރު ކުރުން
  • ސަލާމަތީ މެސެޖުތައް، ޗައިނާ ފަތުރުވެރިންނަށް ފުރިހަމައަށް ފޯރުކޮށްދިނުން

ޒޭންގް ފުރަތަމަ ހުށަހެޅުމުގައި ވަނީ ޗައިނާގެ ފަތުރުވެރިންގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ކަމާ ބެހޭ އެކިއެކި މުއައްސަސާތަކުން ފޯކަލް ޕޮއިންޓެއް ގާއިމު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ދިމާވާ އެކިއެކި އިމަޖެންސީ ހާލަތްތަކުގައި އަވަސް ފަރުވާ އެފަދަ ފޯކަލް ޕޮއިންޓްތަކުން ދެވެނޭ އިންތިޒާމްތައް ވެސް ހަމަޖައްސައިދިނުމަށް ޒޭންގް އެދިވަޑައިގެންވިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ރިސޯޓްތަކުންނާއި ފަތުރުވެރިކަމާ ގުޅޭ އެކިއެކި އިދާރާތަކުން ޗައިނާ ބަސް ރަނގަޅަށް އެނގޭ މުވައްޒަފުން ވަޒީފާތަކަށް އަހުލުވެރިކުރުމަށް ވެސް ޒޭންގް ވަނީ ގޮވައިލައްވައިފައެވެ. އަދި ރިސޯޓްތަކުންނާއި ގެސްޓްހައުސްތަކުން ސަލާމަތީ މިންގަޑުތައް ޗައިނާބަހުން ހިމަނައި އެކަންކަން އިތުރަށް ސުޕަވައިޒްކުރުން އިތުރަށް ހަރުދަނާކުރުމަށް ވެސް ޒޭންގު އެދިވަޑައިގެންނެވިއެވެ.

ޒޭންގް ވަނީ ޗައިނާގެ ފަތުރުވެރިންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން "ސަލާމަތީ މިންގަނޑުތައް" އެގައުމުގެ ފަތުރުވެރިންނަށް އަންގައިދިނުމަށް ރާއްޖޭގެ މުއައްސަސާތަކުގެ އެއްބާރުލުން ދިނުމަށް ގޮވައިލައްވައިފައެވެ. އެގޮތުން އިމިގްރޭޝަނާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އިތުރުން އެއާލައިންތަކާއި ފަތުރުވެރިކަމާ ގުޅޭ އެކިއެކި މުވައްސަސާތަކުން "ސަލާމަތީ މިންގަނޑުތައް" ޗައިނާގެ ފަތުރުވެރިންނަށް ފުރިހަމައަށް އަންގައި ދިނުމުގައި އެހީތެރިވެދިނުމަށް ޒޭންގު އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ ޗައިނާގެ ފަތުރުވެރިން ގިނަ އަދަދަކަށް ރާއްޖެ އަންނައިރު ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންނަށް ރައްކާތެރިތަނަކަށް ހެދުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ޓޫރިސްޓުންގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި އެ މީހުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ވެސް އާސިމް ވިދާޅުވިއެވެ.

މިއީ ޗައިނާގެ ރައީސް ޝީ ޖިންޕީ 2014 ވަނަ އަހަރު ރާއްޖެ ވަޑައިގެން ދިވެހި ސަރުކާރާއެކު ކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެއްގެ ދަށުން ބޭއްވި ދެ ވަނަ ބައްދަލުވުމެވެ.