އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް މ. ރިިވެލިގެ މުހައްމަދު ޝަފާއު ހަސަން އައްޔަން ކުރިތާ މަހެއް ނުވަނީސް އޭނާ އެ މަގާމުން ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.

އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޝަފާއު އައްޔަން ކޮށްފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ.

ރާއްޖޭގެ މަގުތައް މަރާމާތުކޮށް ހެދުމަށް އެ ކުންފުނި އުފައްދާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން އަދާކުރައްވާފައި ވަނީ އެންމެ ބޭފުޅެކެވެ. އެއަށްފަހު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަން ކުރީ އިބްރާހިމް ނަޒީމެވެ.

ނަޒީމާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފެންމަތިކުރުމުން އޭނާ ވަނީ މަގާމުން ވަނިކޮށް، ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ބަދަލުކޮށްފައެވެ.

އެއަށްފަހު ދެން އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަން ކުރެއްވީ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ. އޭނާ ވަކިކޮށް ދެން އައްޔަން ކުރީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ. ނިމާލް އިސްތިއުފާދެއްވުމުން ޝަފާއު އެ މަގާމަށް އައްޔަން ކުރުމާ ހަމައަށް ކުންފުނި ހިންގުމާ ހަވާލުވެ ހުންނެވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު މަމްދޫހެއެވެ.