ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލައިފިއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ރިޔާޒުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދެވަނަ ނަންބަރުގެ ދަށުން ކަމަށެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ތަފްސީލު އަދި ހިއްސާކުރެވެން ނެތް ކަމަށެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި އެ ދައުވާ ރިޔާޒުގެ މައްޗަށް އުފުލީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ މާވެގޮމަގުން އޭނާ ހައްޔަރުކޮށް، ފޯނު ހިފަހައްޓައި ޗެކްކުރުމުން އެއިން ދައުލަތުގެ މުވައްޒަފަކާ ރިޔާޒާ ދެމެދު ދެކެވިފައިވާ ވާހަކަތަކެއްގެ ޗެޓްލޮގް ފެނިފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ ގާނޫނުގައި މަނާކޮށްފައިވާ ގޮތެއްގެމަތިން ސީދާ ނުވަތަ ނުސީދާ ގޮތެއްގައިނަމަވެސް ދައުލަތުގެ މުވައްޒަފަކާ އެކު މުވާސަލާތެއް ހިންގުމަކީ ކުށެއް ކަމަށެވެ.

އެ ދައުވާ ސާބިތުވެއްޖެނަމަ ރިޔާޒަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.