ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން(އެންއައިސީ)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެންއައިސީގެ މެންބަރުކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ކުރިން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން އެ ކޮމިޝަންގެ މެމްބަރު ކަމަށް އެދޭ ފަރާތްތަކުގެ 11 ޝަރުތެއް ހަމަވާން ޖެހެ އެވެ. އޭގެ ތެރޭގައި މުސްލިމު ދިވެެއްސަކަށް ވުމުގެ އިތުރަށް ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވުމާ އެކު، ހަތް އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި މީހަކަށް ވާން ޖެހެ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމުގެ އިތުރަށް، ގާނޫނު ތަންފީޒު ކުރާ އިދާރާއެއްގެ މުވައްޒަފެއް، ފިރިއެއް، އަންބެއް، ދަރިއެއް، މަންމައެއް ނުވަތަ ބައްޕައަކަށް ވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ކޮމިޝަންގެ މެމްބަރު ކަމަށް އެެދޭ ފޯމާއި އިގްރާރު ހުށަހަޅާ އިރު، ކުށުގެ ރެކޯޑް ސާފުކޮށްފައިވާ ފޯމް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އިންޓަގްރިޓީ ކޮމިޝަނަށް މެންބަރެއް ނަގަން އިއުލާންކޮށްފައި ވަނީ އެ ކޮމިޝަނުގެ ރައީސްގެ މަގާމްގައި ހުންނެވި ޔޫސުފް މާނިއު ވަކިކުރުމުންނެވެ. ނަމަވެސް މާނިއު ވަކިކުރި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.

ގާނޫނު ބުނާ ގޮތުން އެ ކޮމިޝަންގައި ތިއްބަވާނީ ފަސް މެމްބަރުންނެވެ.

ނޭޝަނަލް އިންޓަގްރީ ގާނޫނު ދައުލަތުގެ ހަތަރު މުއައްސަސާއެއްގެ މައްޗަށް ހިނގާނެ ކަމަށް ގާނޫނު ބުނެ އެވެ؛ އެއީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޑިޕާޓުމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.