07 Aug 2011, 11:17
ރޭގެ މެޗަކީ ރާއްޖެ އަށް ތިން ޕޮއިންޓް ލިބެންޖެހޭވަރުގެ މެޗެއް ކަމަށާއި އެކަން ރާޢްޖެއަށް ނުވީ ޑިފެންސްލައިނުން ދެވަނަ ހާފްގައި ހެދި މިސްޓޭކެއްގެ ސަބަބުން ކަމަށް ޤައުމީ ޓީމުގެ ކޯޗް ޑިއެގޯ ކްރުސިއާނީ ބުނެފި އެވެ.
ކޯޗު މިހެން ބުނީ ސީޝެލްސްގައި މިހާރު ކުރިއަށްދާ އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރޭ ރާއްޖޭގެ ފުޓްބޯޅަ ޓީމު ކޮމޮރޯސްއާއި ދެކޮޅަށް ކުޅެ، 2-2 ލަނޑުން އެއްވަރުވި މެޗަށް ފަހުގަ އެވެ.
"މިއީ ރާއްޖެ އަށް ތިން ޕޮއިންޓް ލިބެންޖެހޭ މެޗެއް. އެކަން ރާޢްޖެއަށް ރޭނުވީ ޑިފެންސްލައިނުން ހެދި ވަރަށް އާދައިގެ މިސްޓޭކަކުން. ޖަމްބޭ ނޫން ހުރިހާ ޑިފެންޑަރުން ވެސް ވަރަށް ދަށްކޮށް މިއަދު މިފެނުނީ." ކޯޗް ޑިއެގޯ ކްރިސިއާނީ ބުންޏެވެ.
ކޯޗް ކުރިސިއާނީ ބުނީ، ފުރަތަމަ މެޗަށް ވުރެ، ދެ ވަނަ މެޗްގައި ޓީމްގެ ޑިފެންސްލައިނުން ދެއްކި ކުޅުން ދައްކަމުގައި ވިޔަސް، ފުރަތަމަ މެޗަށް ވުރެ ، މިމެޗްގައި ޓީމްގެ ފޯވާޑް ލައިންގައި ތިބި ކުޅުން ތެރިން މޮޅަށް ކުޅުން ކަމަށެވެ.
"އިދިކޮޅު ޓީމުތައް ވެސް ވަރަށް ވަރުގަދަ. މިފަދަ މުބާރާތަކަށް އަންނައިރު ވަރަށް ރަނގަޅަށް ތައްޔާރު ވެސް ވާންޖެހޭނެ. އަހަރުމެން މިއައީ އިރާނާއި ދެކޮޅަށް ކުޅުނު މެޗަށް ފަހު ދިގު ދަތުރެއް ކޮށްފައި. ކުޅުންތެރިން ތިބީ ވަރަށް ވަރުބަލިވެފައި. މިއީ ދުރާލާ ތައްޔާރުވާންޖެހޭ ފަދަ މުބާރާތެއް." ކޯޗް އިތުރަށް ބުންޏެވެ.
މުބާރާތް ބާއްވާ ގައުމު ޝީސެލްސްއާ އެކު ޖުމުލަ ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި ރޭ ރާއްޖެ އެއްވަރުވުމުން ސެމީ ފައިނަލަށް ދިއުމަށް ގްރޫޕުގެ ފަހު މެޗުގައި ސީޝެލްސް ބަލިކުރަން ޖެހޭނެ އެވެ. މި މެޗު ކުޅެނީ އަންނަ އަންގާރަ ދުވަހު ރެ ނުވައެއްޖަހާއިރު އެވެ.