28 Nov 2017, 14:01
ހުކުރު މިސްކިތް ސަރަހައްދުގައި ތަރައްގީ ކުރަން ނިންމާފައިވަނީ ޒަމާނީ އޯޕަން ލައިބްރަރީ އެއް ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފިއެވެ.
މާލޭ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ކިޔަވަން ތިބެވޭ ގޮތަށް ޖާގަތަކެއް ހަދައި، ކެފޭއެއް ހިންގާނެ ބަޔަކު ހޯދަން ކުރި އިއުލާން ހައުސިން މިނިސްޓްރީން ވަނީ ބާތިލްކޮށްފައެވެ. އިއުލާނު ބާތިލް ކުރީ ބަލަންޖެހޭ ކަންތައް އިތުރަށް ދިރާސާ ކުރުމަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއު އެއްގައި ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު ހަސަން ވަހީދު ވިދާޅުވީ ހުކުރު މިސްކިތް ސަރަހައްދުގައި ކެޕޭ އެއް ތަރައްގީ ކުރަން ނިންމާފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެސަރަހައްދުގައި ތަރައްގީ ކުރަނީ ސްކޫލު ކުދިންނާއި އޮފީސްތަކުގެ މީހުން ފޮތް ކިޔާލަން ތިބޭ އޯޕަން ލައިބްރަރީ އެއް ކަމަށެވެ. އަދި އެތަނުން ލުއި ބުއިންތައް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވެސް ހަސަން ވަހީދު ވިދާޅުވިއެވެ.
"އޯޕަން ލައިބްރަރީ ތަރައްގީ ކުރަނީ ދެބުރިއަށް. މަތީ ފަންގިފިލާގައި ފޮތް ކިޔަން ތިބޭނެ އިންތިޒާމު ހަމަޖައްސަނީ. އަދި ހަމަ އެތަނުން ލުއި ބުއިންތައް ލިބޭނެ ގޮތް ހަމަޖައްސާނެ،" ހަސަން ވަހީދު ވިދާޅުވިއެވެ.
ހުކުރު މިސްކިތް ސަރަހައްދު ތަރައްގީ ކުރަނީ ހެރިޓޭޖު ޑިޕާޓްމެންޓްގެ ވެސް މަޝްވަރާ އާއެކު ކަމަށާއި އެތަން ތަރައްގީ ކުރި ނަމަވެސް ތާރީޚީ ތަރިކައަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ސަރަހައްދުން އެއްވެސް ގަހެއް ނުކަނޑާނެ. އަދި ތާރީޚީ ތަރިކައަށް ވެސް އެއްވެސް ގެއްލުމެއް ނުލިބޭނެ،" ހަސަން ވަހީދު ވިދާޅުވިއެވެ.