28 Nov 2017, 13:26
މަނާ ބޭސް ބޭނުން ކުރިކަން ސާބިތުވެގެން ރަޝިއާގެ ފަސް އެތުލީޓަކު އުމުރަށް ސަސްޕެންޑްކޮށްފި އެވެ.
ރަޝިއާގެ އެތުލީޓުންގެ މައްސަލަ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ބަލަން ފެށީ ކެނެޑާގެ ގާނޫނީ ވަކީލު ރިޗާޑް މެކްލެރަން، މިދިޔަ އަހަރު ނެރުނު ރިޕޯޓަކާ ގުޅިގެންނެވެ.
މެކްލަރަންގެ ރިޕޯޓުގައި، 2014 ވަނަ އަހަރު ބޭއްވި ފިނުމޫސުމުގެ އޮލިމްޕިކްސްގައި ރަޝިއާގެ އެތުލީޓުން މަނާ ބޭސް ބޭނުންކޮށް، ޓެސްޓުތައް ހެދި އިރު މަކަރު ހަދާފައިވާ ކަމަށް ބުނެފައިވެ އެވެ.
ސަސްޕެންޑްކުރި ރަޝިއާގެ ފަސް އެތުލީޓުންގެ ތެރޭގައި ރިހި މެޑަލް ހޯދި ރިލޭ ޓީމުގައި ހިމެނޭ ބަޔައެތުލީޓްސް ޔާނާ ރޮމަނޯވާ އާއި އޮލްގާ ވިލުކީނާ ހިމެނެ އެވެ. ރިލޭ ޓީމާ އެކު ހޯދި ރިހި މެޑެލްގެ އިތުރުން އަންހެނުންގެ ސްޕްރިންޓް އިވެންޓުގައި ވިލުކީނާ ހޯދި މެޑެލް ވެސް އޭނާ އަތުން އަތުލާނެ އެވެ. އެ ދެ އެތުލީޓުންނަކީ މިހާރު ރިޓަޔާ ކޮށްފައިވާ ދެ އެތުލީޓުންނެވެ.
ސަސްޕެންޑްކުރި އެތުލީޓުންގެ ތެރޭގައި ރަން މެޑެއްޔެއް ހޯދި އެލެކްސޭ ނެގޮޑައިލޯ އާއި ޑިމިޓްރީ ޓްރުނެންކޯވް އަދި ފިރިހެނުންގެ ސްކެލެޓަން އިވެންޓުން ފަސް ވަނަ ހޯދި ސާޖީ ޗުޑިނޯވް ވެސް ހިމެނެ އެވެ.
އެ ފަސް އެތުލީޓުން ސަސްޕެންޑް ކޮށްފައި ވަނީ އައިއޯސީ ޑިސިޕްލިނަރީ ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގުގެ ނަތީޖާތަކަށް ބެލުމަށް ފަހު އެވެ. އެ މައްސަލަތައް އެ ކޮމިޝަނުން އަދި ވެސް ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިހާތަނަށް ރަޝިއާގެ 19 އެތުލީޓަކު ސަސްޕެންޑް ކޮށްފައިވާ އިރު، އިތުރު އެތުލީޓުންތަކަކަށް ވެސް އަދަބު ދޭނެ ކަމަށް ބެލެވެ އެވެ.