ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 12 މެމްބަރެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތެއް މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލު ކޮށްފި އެވެ.

މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ކޮށްފައި ވަނީ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ އެވެ. އެ މައްސަލާގައި ދައުވާ ލިބޭ 12 މެމްބަރުންނަކީ:

  • ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

  • ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް
  • މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
  • ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ
  • ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
  • ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
  • ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް
  • ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހް
  • ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
  • ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް
  • ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން
  • މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

އެ މެމްބަރުންގެ މައްޗަށް ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ އުފުލީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީސް ސަރަހައްދުން ފުލުހުންގެ ސަފު ފަޅާލި ކަމަށް ތުހުމަތުކޮށެވެ.

އެ 12 މެމްބަރުންގެ ތެރެއިން ސައުދު ހުސައިނާއި މުހައްމަދު ވަހީދު އިބްރާހީމް އަދި މުހައްމަދު އަމީތުގެ މައްޗަށް އިތުރު ދައުވާއެއް ވެސް ވަނީ އުފުލައިފަ އެވެ. އެއީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ. އެ ދައުވާ އެ ތިން ބޭފުޅުންގެ މައްޗަށް އުފުލާފައި ވަނީ އެ ތިން ބޭފުޅުންނަކީ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް މަޖިލީހުގެ އިދާރާގެ ތެރެއަށް ވަން މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލަތަކުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާ މެންދުރު ފަހު 3:00 އަށެެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ވަނީ ބާއްވައިފަ އެވެ. އެ ދުވަހު ވަނީ، މެމްބަރުންނަށް ވަކީލުން ހަމަޖެއްސުމަށް ފުރުސަތެއް ދީފަ އެވެ.