ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ޖަޕާނުން ރާއްޖެ އަށް 9.9 މިލިއަން ޑޮލަރު (152.65 ރުފިޔާ)ގެ ތަކެތީގެ އެހީއެއް ދީފި އެވެ.

މިއީ ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުމުން ރައްކާތެރިވުމަށް ބޭނުންކުރާ ވަސީލަތްތައް ގާއިމް ކުރުމަށް ދިން އެހީއެކެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ އެހީ ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޖަޕާނުގެ ޕާލިމެންޓަރީ ވައިސް މިނިސްޓަ ފޯ ފޮރިން އެފެއާޒް އައިވާއޯ ހޯރީ އެވެ. އެ އެހީއާ ރާއްޖެ އިން ހަވާލުވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރެވެ.

ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރިތާ 50 އަހަރު ފުރިފައިވާ އިރު ޖަޕާނުން އަންނަނީ ރާއްޖެ އަށް ގިނަ އެހީތަކެއް ވަމުންނެވެ. ޖަޕާނަކީ ހާރިޖީ ގޮތުން ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އަންނަަ ގައުމެކެވެ. ރާއްޖޭގެ އުމްރާނީ އަދި އިގްތިސާދީ ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ޖަޕާނު ފާހަގަ ކުރެވެ އެވެ.