28 Nov 2017, 12:16
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ މުވައްޒަފުން ޑިއުޓީގައި އުޅޭ ވަގުތުތަކުގައި އެމީހުންގެ އަމިއްލަ މޯބައިލް ފޯނު ބޭނުން ކުރުން މަނާ ކުރާ ޕްރޮޓޮކޯލަކަށް އަމަލު ކުރަން އުޅޭ ކަމުގެ ހަބަރު ފެތުރެން ފަށައިފި އެވެ.
މިގޮތަށް އަމަލު ކުރަން އުޅެނީ އަތުވެދާނެ ސައިބާ އެޓޭކަކުން ސަލާމަތް ވުމަށެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވައިޓްހައުސްގެ އެތެރޭގެ ވާހަކަތައް މީޑިއާ އަށް ތިލަވާތީ އެކަމާ މެދު އެކި ފަހަރު މަތިން ޝަކުވާ ކުރައްވައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން "ބްލޫމްބާގް"ގައި ބުނެފައި ވަނީ ވައިޓްހައުސްގެ ވަޔަލެސް ނެޓްވޯކާ ގިނަ ފޯނުތަކެއް ކަނެކްޓްކޮށްފައިވާ ކަމަށާއި މިއާ އެކު ސަރުކާރުން ދޫކޮށްފައިވާ ފޯނުތަކާ ބަލާއިރު މުވައްޒަފުންގެ އަމިއްލަ ފޯނުތަކުގެ ސެކިއުރިޓީ ރަނގަޅު ނޫން ކަމަށެވެ.
ވައިޓްހައުސްްގެ މުވައްޒަފުންގެ އަމިއްލަ ފޯނު ޑިއުޓީ ގަޑީގައި ބޭނުން ނުކުރާގޮތަށް ހަމަޖެއްސުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށާއި އެގޮތަށް އަމަލު ކުރުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
ވައިޓްހައުސްގެ މުވައްޒަފުންގެ އަމިއްލަ ފޯނު ވަޒީފާގައި އުޅޭ ވަގުުތު ބޭނުން ނުކުރެވޭ ގޮތަށް ނިންމަން އުޅޭތީ މުވައްޒަފުން ގެންދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން އެ ނިންމުމަށް އަމަލު ކުރަން ފަށައިފި ނަމަ، ޑިއުޓީ ވަގުތު އާއިލާ އާއި ނުގުޅޭނެ ކަމަށާއި އެއީ މައްސަލައެއް ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ވައިޓް ހައުސްގެ ބައެއް މިޓިން ރޫމްތަކަށް މޮބައިލް ފޯނު ވެއްދުން މިހާރު ވެސް ވަނީ މަނާކޮށްފަ އެވެ. އެއީ ބައެއް މީޓިންތަކަކީ "ސެންސެޓިވް" ވާހަކަތައް ދެކެވޭ މީޓިން ތަކަކަށް ވެފައި، އެ މީޓިންތަކުގައި ދެކެވޭ ވާހަކަތައް ލީކް ވެދާނެ ކަމުގެ ބިރު އޮންނާތީ އެވެ.
ބްލޫމްބާގް