ކާބުލް (އޮގަސްޓް 6) : ތާލިބާނުންގެ ޙަމަލާއެއްގައި، އަފްޣާނިސްތާނުގައި ހަނގުރާމަކުރާ އެމެރިކާގެ ޢަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެއްޖެވެ. ތާލިބާނުންގެ މި ޙަމަލާގަައި މަރުވެފައި ވަނީ އެމެރިކާ ސިފައިންގެ ތެރޭގައި ހިމެނޭ އެންމެ ބާރުގަދަ ލަޝްކަރު ކަމަށްވާ ސްޕެޝަލް އޮޕަރޭޝަން ފޯސްގެ 31 މީހުންނާއި އެމެރިކާ ސިފައިންނަށް އެހީތެރިވާ އަފްޣާން ސިފައިންގެ 7 މީހުންނެވެ.

ނޭޓޯ އިން ވަނީ އެމެރިކާގެ މިހެލިކޮޕްޓަރު ވެއްޓުނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އެއިން ދަތުރުކުރި އެންމެން މަރުވިކަން ހާމަކޮށްފަ އެވެ. ނަމަވެސް މަރުވި މީހުންގެ ޢަދަދު ކަށަވަރުކޮށްދިނުމަށާއި މިހެލިކޮޕްޓަރު ވައްޓާލީ ތާލިބާނުން ކަމަށް އިޢްތިރާފް ވުމަށް ނޭޓޯ ވަނީ ފަސްޖެހިފަ އެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ މިޙާދިޘާއާ މެދު ހިތާމަ ކުރައްވާކަމަށް ވިދާޅުވެފަ އެވެ. ތާލިބާނުންގެ މިފަދަ ޙަމަލާތަކަށް އެމެރިކާ އިޢްތިރާފް ނުވިނަމަވެސް ނަންހާމަކުރަން ނޭދޭ އެމެރިކާގެ އިސްމަސްއޫލުވެރިއަކުވަނީ އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަން ފޯސް ގެ ސިފައިން ދަތުރުކުރި ޢަސްކަރީ ހެލިކޮޕްޓަރު މިދިޔަ ހުކުރުދުވަހު ވެއްޓުނީ ތާލިބާނުންގެ ޙަމަލާއަކުން ކަމަށް ނުސީދާގޮތެއްގައި އެއްބަސްވެ ވަޑައިގެންފައެވެ.

އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި ވަނީ އެމެރިކާގެ ހެލިކޮޕްޓަރު ވައްޓާލީ ތާލިބާނުން ކަމަށާ މިޙަމަލާގައި އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަން ފޯސްގެ 31 މީހަކާއި އަފްޣާން ސިފައިންގެ 7 މީހަކު މަރުވިކަން ކަށަވަރު ކޮށްދެއްވާފަ އެވެ.

އެމެރިކާގެ "ޗިނޫކް" މަރުކާގެ މިހެލިކޮޕްޓަރު ވައްޓާލީ ކާބުލްގެ ހުޅަނގުގައިވާ ވުރްދުކް ސަރަޙައްދުގައި ތާލިބާން ހަނގުރާމަވެރިން އެއްވެތިބި ގެއަކަށް ޙަމަލާދިނުމަށްފަހު އެނބުރި ދަނިކޮށް ކަމަށާއި ހެލިކޮޕްޓަރަށް ޙަމަލާދިނުމަށް ތާލިބާން ހަނގުރާމަވެރިން ބޭނުންކުރީ އާރު.ބީ.ޖީ. ރޮކެޓެއް ކަމަށް އެޖަމާއަތުގެެ ތަރްޖަމާން ޒަބީޙުﷲ މުޖާހިދު ވިދާޅުވިއެވެ.

ތާލިބާނުން އެމެރިކާގެ ސްޕެޝަލް ފޯސްގެ 31 މީހުން މަރާލާފައި މިވަނީ އެމެރިކާގެ ވައިގެ ޙަމަލާއެއްގައި އަފްޣާން ޢާންމުންގެ 8 މީހަކު މިދިޔަ ބުރާސްފަތި ދުވަހު މަރުވިކަން އަފްޣާން ފުލުހުން ހާމަކޮށްފައި ވަނިކޮށެވެ. (ރޮއިޓާސް+އަލްޖަޒީރާ)