22 May 2010, 15:27
19:00
އއ.ރަސްދޫގައި އަމިއްލަ އަންހެން ދަރިއާ ހަ އަހަރު ވަންދެން ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގަމުންދިޔަ ކަމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.
އެމައްސަލައިގައި ތަފްސީލު ނުދެއްވައި ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެފަދަ މައްސަލަ އެއްގައި އެރަށުން މީހަކު ހައްޔަރުކޮށް އެކަން ތަހްގީގުކުރަމުންދާ ކަމަށެވެ.
ރަސްދޫން ވާހަކަ ދެއްކި އެކުއްޖާގެ ތިމާގެ މީހަކު މިއަދު ބުނީ އުމުރުން 40 ވަރަކަށް އަހަރުގެ އެމީހާ އޭނާގެ އުމުރުން 16 އަހަރުގެ އަންހެން ދަރިޔާ ގަދަކަމުން ބަދުއަޚްލާގީ ޢަމަލު ހިންގަމުންދާތާ ހަ އަހަރު ވެދާނެ ކަމަށާއި އަދި އެ ފިރހެން މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފްތާގައި ކަމަށެވެ. އަދި އެކަން އެނގުނީ 16 އަހަރުގެ އެކުއްޖާ ރައްޓެހިވެގެން އުޅޭ ކުއްޖާ އަށް ކިޔައި ދިނުމުން ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ އަދި ބުނީ އެ އަންހެންކުއްޖާ އަކީ މާގިނައިން ބޭރުތެރެއަށް ނިކުމެ މީހުންނާ ވާހަކަ ދައްކާ އުޅޭ ކުއްޖެއް ނޫން ކަމަށެވެ. އަދި ވަރަށް ގިނައިން އެކުއްޖާއަށް އޭނާގެ ބައްޕަ އަނިޔާ ކުރާ ކަމަށާއި ބިރުދައްކާ އިންޒާރު ދީ ހަދާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ބައެއް ފަހަރު 16 އަހަރުގެ އެކުއްޖާ އޭނާގެ ބައްޕަ އަށް ފިލަން ފާހާނާ އަށް ވަދެ ހުންނަ ކަމަށް ވެސް އެމީހާ އިތުރަށް ބުންޏެވެ. އޭނާ ބުނީ އެކުއްޖާ އަށް ވުރެ ކުޑަ އިތުރު އަންހެން ކުއްޖެއް ވެސް އެ ފިރިހެން މީހާގެ ހުންނަ ކަމަށެވެ. ނަމަވެސް އެކުއްޖާ އަށް އެފަދަ ގޯނާ އެއް ކޮށްފައިވާ ކަން އަދި އެނގިފައިވާ ނުވާ ކަމަށް ވެސް އެމީހާ ބުންޏެވެ.
އެމީހާ އިތުރަށް ބުނީ އެހާ ގިނަދުވަސް ދެން އެކަން ހިނގިއިރުވެސް އެކުއްޖާގެ މަންމަ އަށް އެކަން ނޭންގޭ ކަމަށް އެކުއްޖާ މަންމަ ބުނާ ކަމަށެވެ.
އެމައްސަލައިގައި ފުލުހުން އެކުއްޖާ ބައްޕަ ހައްޔަރު ކޮށްގެން ގެންދިޔައިރު އެ ގެއިން ބައެއް ތަކެތި ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެގައި ބަރަހާނާ ކާޑާއި، 16 އަހަރުގެ ދަރިފުޅު ފާހާނާ ތެރޭގައި ހުއްޓާ ވަގަށް ނަގާފައިވާ ވީޑިއޯ ހިމެނޭ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެ ވީޑިއޯތައް އޭނާގެ ކޮމްޕިއުޓަރަށް އަޅައިގެން އުޅެނިކޮށް އެހެން ބަޔަކަށް ވެސް ފެނިފައިވާ ކަމަށާއި އަދި އެއިން އެއް ވީޑިއޯ އަށް އޭނާވެސް އަރާފައިވާ ކަމަށް ވެސް ރަސްދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.