27 Nov 2017, 23:28
ކޮރެއާ ސަރަހައްދުގައި ސުލްހަ ގާއިމް ކުރެވޭނެ ކަމަށް ރާއްޖެއިން ގަބޫލު ކުރާ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ.
ރާއްޖެ އާއި ދެކުނު ކޮރެއާއާ ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 50 އަހަރު ފާހަގަކުރުމުގެ ގޮތުން ހޮޓެލް ޖެންގައި މިރޭ ބެއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އާސިމް ވިދާޅުވީ ރާއްޖެއާ ދެކުނު ކޮރެއާއާ ދެމެދުގެ ގުޅުން ބިނާވެފައި ވަނީ ބައިނަލްވާމީ ދުނިޔޭގައިި ދެ ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރުގެ މައްޗަށް ކަމަށެވެ.
ރާއްޖެއާ ދެކުނު ކޮރެއާއާ ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 50 އަހަރު ފާހަގަކުރުމުގެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ސަން ފޮޓޯ : ފަޔާޒު މޫސާ
އާސިމް ވިދާޅުވީ ދެ ގައުމުން ވެސް ދެކެން ބޭނުން ވަނީ ސުލްހަމަސަލަސްކަން ކަމަށާއި ދެ ގައުމުން ވެސް އަނެއް ގައުމަށް ދިމާވާ މައްސަލަތަކާމެދު ކަންބޮޑުވާ ކަމަށެވެ. އަދި ކޮރެއާ ސަރަހައްދުގައި ސުލްހަ ގާއިމު ކުރެވޭނެ ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށާއި ހަމަނުޖެހުން އުފެދޭ އަމަލުތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އާސިމް ވިދާޅުވިއެެވެ.
މިނިސްޓަރު ވިދާޅުވީ ކޮރެއާ ސަރަހައްދުގައި އަމަން އަމާންކަން ގާއިމުކުރުމަށް ބައިނަލްވާމީ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ދެ ގައުމުން ވެސް އަނެއް ގައުމަށް ދިމާވާ މައްސަލަތަކާމެދު ކަންބޮޑުވޭ. ރާއްޖެއިން ގަބޫލު ކުރަން ކޮރެއާ ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރެވޭނެ ކަމަށް. ހަމަނުޖެހުން އުފެދޭ އަމަލުތައް ވަގުތުން ހުއްޓާލަން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއާ ދެކުނު ކޮރެއާއާ ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 50 އަހަރު ފާހަގަކުރުމުގެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ސަން ފޮޓޯ : ފަޔާޒު މޫސާ
ކޮރެއާއާ ރާއްޖޭގެ ގުޅުން ފާއިތުވި 50 އަހަރުތެރޭ ރާއްޖެއާއި ކޮރެއާއާ ދެމެދުގެ ގުޅުމަށް އަލިއަޅުވާލައްވައި މިނިސްޓަރު ވިދާޅުވީ ދެގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ ޖުމްލަ އިތުރުވުމުގެ އިތުރުން ރާއްޖެއަށް އިތުރު އިންވެސްޓުމަންޓުތައް އައިސް އޭގެން އެތަކެއް ދިވެހިންނަށް އޭގެ މަަންފާ ލިބިފައިވާ ކަމަށެވެ.
ދެކުނު ކޮރެއާ ސަރުކާރުގެ އެހީގެ ދަށުން ރާއްޖޭގެ މަސްވެރިކަމާއި އުމްރާނީ އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކުރައްވަމުން މަސައްކަތްތައް ވެސް މިނިސްޓަރުގެ ވާހަކާގައި ފާހަގަ ކުރެއްވިއެވެ.
ދެގައުމުގެ ދެމެދުގައި ގުޅުން ފާހަގަކުރުމުގެ ގޮތުން މިރޭ ހޮޓެލް ޖެންގައި ބެއްވި ރަސްމިއްޔާތަށްފަހު އަލިމަސްކާނިވަލުގެ ސްޓޭޖްގައި ވަނީ ދެ ގައުމުގެ ސަގާފީ ހަރަކާތައް ވެސް ދައްކައިލާފަ އެވެ.