29 Nov 2017, 00:14
ދައީޝް (އައިއެސް)އަށް ވާގިވެރިވެ، ހަނގުރާމަ ކުރަން އުޅުނު ޑެންމާކުގެ 17 އަހަރުގެ އަންހެން ކުއްޖަކަށް އެ ގައުމުން އަށް އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ޑެންމާކުގެ ހައި ކޯޓުން ހުކުމް އިއްވި އަންހެން ކުއްޖަކީ އުމުރުން 15 އަހަރުގައި ދެ ސްކޫލަކަށް ބޮމުގެ ހަމަލާއެއް ދިނުމަށް ރާވަން އުޅުނު މައްސަލާގައި ޑިސްޓްރިކްޓު ކޯޓަކުން ހަ އަހަރުގެ ޖަލު ހުކުމެ އިއްވާފައިވާ ކުއްޖެކެވެ.
ނަމަވެސް ޑެންމާކުގެ ހައި ކޯޓުން މިދިޔަ ހުކުރު ދުވަހު ވަނީ، ޑިސްޓްރިކްޓު ކޯޓުން ކުރި ހަ އަހަރުގެ ޖަލު ހުކުމަށް އިތުރު ދެ އަހަރު އިތުރުކޮށް، އޭނާގެ ޖަލު ހުކުމް އަށް އަހަރަށް ބަދަލު ކޮށްފައެވެ.
މީޑިއާތަކުން ބުނާ ގޮތުން، މިއީ ޓެރަރިޒަމްގެ ކުށެއްގައި ޖަލަށް ލާން ހުކުމް ކުރި ޑެންމާކުގެ ފުރަތަމަ އަންހެނެވެ.
ބޮން ހެދުމަށް ބޭނުން ކުރާ ކެމިކަލްތަކަކާ އެކު މިދިޔަ އަހަރުގެ ޖަނަވަރީ މަހު ހައްޔަރު ކުރި އެ އަންހެން ކުއްޖާ ބޮން ގޮއްވަން އުޅުނު ދެ ސްކޫލުގެ ތެރެއިން އެއް ސްކޫލަކީ އާސާރީ ޔަހޫދީންގެ ސުކޫލެކެވެ. އަނެއް ސުކޫލަކީ އޭނާ ކިޔަވަމުން ދިޔަ ސްކޫލެވެ.
އުމުރުން 17 އަހަރުގެ އެ އަންހެން ކުއްޖާ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ބުނާ ގޮތުން އޭނާ އަކީ ހައްދުފަހަނަ އަޅާފައިވާ އިސްލާމީ ޖަމިއްޔާ އެއްގެ މެމްބަރެކެވެ. (ޑެނިޝް ރޭޑިއޯ)