28 Nov 2017, 09:23
އިންޑިއާގެ މަދްޔާ ޕުރަދޭޝްގެ ސަތްނާ ސިޓީއަށް އުފަން އުމުރުން 32 އަހަރުގެ މަކުސޫދު ޚާންގެ ބަނޑެއްގައި ރިއްސާތީ ގޮސް ދެއްކީ ސަރުކާރުން ހިންގާ ސަންޖޭ ގާންދީ މެޑިކަލް ކޮލެޖަށެވެ. އޭނާ ޑަކްޓަރަށް ދެއްކި އިރުވެސް ހާލު ރަނގަޅު ނުވުމުން ޑޮކްޓަރުން ފުރަތަމަ ލަފާ ކުރީ އޭނާގެ ބަނޑުގައި ރިއްސީ ކާނާ ވިހަވުމުގެ ސަބަބުން ކަމަށެވެ.
އެހެންކަމުން މަކުސޫދުގެ ބައެއް ޓެސްޓުތަކާ އެކްސް ރޭތަކެއް ޑޮކްޓަރުން ހަދަން ދިނެވެ. ނަމަވެސް ހެދި އެންޑޮސްކޮޕީގެ ރިޕޯޓް ފެނި ޑޮކްޓަރުންނަށް ލިބިގެން ދިޔައީ ހައިރާން ކަމެކެވެ.
"ޕޭޝަންޓު އައީ ބަނޑުގައި ރިއްސާތީ. އެހެން ކަމުން އަހަރެމެން ނިންމީ އެންޑޮސްކޮޕީއެއް ހަދަން. ނަމަވެސް ބަނޑުގައި ވަކި ލާރި އާއި މޮހޮރާއި ނަޓު ބޯލްޓު ފެނުމުން އަހަރެމެންނަށް ލިބުނީ ހައިރާން ކަމެއް،" މިމަހުގެ 18 ވަނަ ދުވަހު މަކުސޫދުގެ އޮޕަރޭޝަން ކުރި ޑރ. ޕްރިޔަކް ޝަރުމާ ވިދާޅުވި އެވެ.
މަކުސޫދުގެ އޮޕަރޭޝަން ކުރި ޑޮކްޓަރުން ބުނި ގޮތުގައި، މިއީ އެމީހުންގެ ކެރިއަރުގައި އެފަދަ ކަމަކާ ކުރިމަތިވި ފުރަތަމަ ފަހަރެވެ.

އޮަޕަރޭޝަނަށް ފަހު މަކުސޫދު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި --- ފޮޓޯ/ އެސްޑަބްލިއުއެންއެސް
ޖުމްލަ ހަ ޑޮކްޓަރުންގެ ޓީމަކުން މަކުސޫދުގެ ބަނޑުގެ އޮޕަރޭޝަންގައި ބައިވެރިވި އިރު، އޭނާގެ ބަނޑުން ޗޭނު ފަށަކާއި 263 ވަކިލާރި އާއި 10-12 ވަރަކަށް ތުނބުޅި ބާލައި ތިލަ އާއި ހަތަރު ބޮޑު ތިނޯހާއި ބިއްލޫރި އާއި ގާކޮޅުތަކެއް ވަނީ ނަގައިފަ އެވެ.
އަދި އެ ތަކެތީގެ ބަރުދަނުގައި ގާތްގަނޑަކަށް ފަސް ކިލޯ ހުންނާނެ ކަމަށް ހޮސްޕިޓަލުން ލަފާ ކުރާއިރު، އެތަކެތީގެ ސަބަބުން އެތެރެ ހައްޓަށް ސީރިއަސް ޒަހަމްތަކެއް ލިބިފައި ނުވާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
ޑރ. ޝަރުމާ ވިދާޅުވީ، މަކުސޫދުގެ ހާލު ރަނގަޅު ކަމަށާއި އޭނާގެ ހާލު ތަޖުރިބާކާރުންގެ ޓީމަކުން ބަލަމުންދާ ކަމަށެވެ.
މަކުސޫދުގެ ގާތްތިމާގެ މީހުން ބުނާ ގޮތުން، އޭނާ ދަގަނޑުގެ ބައި ތަކެއް ދިރުވަން ފެށީ، މީގެ އަހަރުތަކެއް ކުރިން ޑިޕްރެޝަންގައި އުޅުމުން ކަމަށް ވެދާނެ އެވެ.
މީހުންގެ ބަނޑުން އާދަޔާ ހިލާފު އެއްޗެހި ނެގުމަކީ އާ ކަމެއް ނޫނެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ކޮލްކަޓާގެ ޑޮކްޓަރުންތަކެއް ވެސް ވަނީ ބެންގަލް މީހެއްގެ ބަނޑުން 600 މޮހޮރު ނަގައިފަ އެވެ. އަދި ސައުދީ އަރަބިއްޔާގައި މީގެ ކުރިން ވަނީ ޕޭޝަންޓެއްގެ ބަނޑުން ބޮތްކެއް ވެސް ނަގައިފަ އެވެ.
މައުލޫމާތު: ޒީ ނިއުސް