އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ގައުމީ ދުވަހާއި ދިމާކޮށް އެގައުމުގެ އެކި ޖަލުތަކުގައި ތިބި 1400 އަށް ވުރެ ގިނަ ގައިދީންނަށް މާފު ދޭން ނިންމައިފި އެވެ.

ޔޫއޭއީގެ ގައުމީ ދުވަހަކީ އަންނަ މަހުގެ ދެ ވަނަ ދުވަހެވެ. މި އަހަރު ފާހަގަ ކުރާނީ އެ ގައުމުގެ 46 ވަނަ ގައުމީ ދުވަހެވެ.

އެ ދުވަހާ ގުޅިގެން ޔޫއޭއީގެ ރައީސް ހަލީފާ ބިން ޒައިދު ބިން ސުލްތާން އަލް ނަހްޔާން އަދި އަބޫ ދާބީގެ އަމީރު ވަނީ 645 ގައިދީ އަކަށް މާފު ދެއްވަން ނިންމަވައި، އާ ހަޔާތެއް ފެށުމުގެ ފުރުސަތު ދެއްވުމުގެ ގޮތުން އެމީހުންނަށް ފައިސާގެ އިނާމެއް ދެއްވަން ނިންމަވައި އަމުރު ކުރައްވައިފަ އެވެ.

އަދި ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް ވަނީ 606 ގައިދީ އަކަށް މިއަދު މާފު ދެއްވަން ނިންމަވައިފަ އެވެ.

ދުބާއީގެ އެޓާނީ ޖެނެރަލް އިއްސާމް އަލް ހުމައިދަން ވިދާޅުވި ގޮތުގައި، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ އެ ނިންމެވުން ނިންމެވީ ޖަލުތަކުގައި ތިބި ކުށްވެރިން އެނބުރި މުޖުތަމައު އަށް ނުކުމެ އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ޔޫއޭއީގެ އެންމެ އުތުރުގައި އޮންނަ ރަސް އަލް ކައިމާގެ ވެރިޔާ ޝެއިހް ސައުދު ބިން ސަގަރު އަލް ގަސިމީ ވެސް ވަނީ އެ ސިޓީގެ ޖަލުތަކުގައި ތިބި ކުށްވެރިންގެ އިތުރުން އިސްލާހިއްޔާތަކުގައި ތިބި މީހުންގެ ތެރެއިން 246 މީހުންނަށް މާފު ދެއްވައި މިނިވަން ކުރަން ނިންމަވައިފަ އެވެ.

އަދި އޭނާ ވެސް ވަނީ މިނިވަންވާ ކުށްވެރިންގެ ދަރަނިތައް ހަލާސް ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ކޮންމެ އަހަރެއްގެ ވެސް ހާއްސަ ދުވަސްތަކާ ދިމާކޮށް ޔޫއޭއީގެ ރައީސް އަދި އެކި ސިޓީތަކުގެ ވެރިން އަންނަނީ ކުށްވެރިން މިނިވަންކޮށް އެމީހުންގެ ދަރިނިތައް ހަލާސް ކޮށްދެމުން ނެވެ. އެގޮތުން މިދިޔަ އަހަރުގެ ގައުމީ ދުވަހާ ގުޅިގން ވެސް އެ ގައުމުގެ ރައީސް ޝެއިހް ހަލީފާ ވަނީ 1102 ކުށްވެރިން މިނިވަން ކުރައްވައިފަ އެވެ.