27 Nov 2017, 20:20
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގައި ލަންދޫ އާއި މިލަދޫ ބައްދަލު ކުރި މެޗު އެއްވަރު ވެއްޖެ އެވެ.
ނ. މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އެކެއްގެ އެ މެޗު ނިމުނީ ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ނުޖެހިއެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި ލަންދޫ އާއި މިލަދޫ ބައްދަލު ކުރި މެޗުގެ ތެރެއިން--
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ. ނަމަވެސް އެ ފުރުސަތުތައް އެއްވެސް ޓީމަކަށް ބޭނުން ހިފޭ ގޮތް ވަނީ ނުވެފައެވެ.
އެ ގްރޫޕުން ލަންދޫ އާއި މިލަދޫ އިން ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓު ހޯދައި ކުއާޓާގެ ޖާގަ ކަށަވަރު ކޮށްފަ އެވެ. މި ގްރޫޕުގައި ދެން ހިމެނޭ ކެނދިކުޅުދޫ އާއި މާފަރަށް ކުޅުނު ދެ މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި ލަންދޫ އާއި މިލަދޫ ބައްދަލު ކުރި މެޗުގެ ތެރެއިން--
ގްރޫޕް އެކެއްގައި ދެން ކުޅޭނީ އެންމެ މެޗެކެވެ. މާދަމާ ހާވީރު ކުޅޭ އެ މެޗުގައި ބައްދަލު ކުރާނީ ކެނދިކުޅުދޫ އާއި މާފަރެވެ. ދެ ޓީމަށް ވެސް އެ މެޗުން މޮޅުވެ ހުރިހާ ގްރޫޕެއްގެ ތިން ވަނަ ހޯދާ އެންމެ ރަނގަޅު ދެ ޓީމުތަކުގެ ތެރޭ ހިމެނި ކުއާޓާގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.
ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި ލަންދޫ އާއި މިލަދޫ ބައްދަލު ކުރި މެޗުގެ ތެރެއިން--
މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެ އެވެ. މުބާރާތުގައި ވާދަކުރާ ޓީމުތައް ތިން ގްރޫޕަކަށް ބަހާލާފައިވާ އިރު، ކުއާޓާ ފައިނަލުގެ ޖާގަތައް ލިބޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކާއި ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ.
ގްރޫޕް އެކެއް:
ލަންދޫ، ކެނދިކުޅުދޫ، މާފަރު، މިލަދޫ.- ގްރޫޕް ދޭއް:މަގޫދޫ، މަނަދޫ، ހެނބަދޫ، ކުޑަފަރީ.
- ގްރޫޕް ތިނެއް:ވެލިދޫ، ޅޮހި، ހޮޅުދޫ، މާޅެންދޫ.
ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.