އޭސީ މިލާންގެ ކޯޗުކަމުގެ މަގާމުން ވިންޗެންޒޯ މޮންޓެލާ ވަކިކޮށް އެ މަގާމަށް އެ ކްލަބަށް ކުރިން ކުޅުނު މިޑްފީލްޑަރު ޖެނާރޯ ގަޓޫސޯ ހަމަ ޖައްސައިފިއެވެ.

މޮންޓެލާ މިލާންގެ ކޯޗުކަމުން ވަކިކުރީ އެ ކްލަބުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. ސީޒަނަށް ބޮޑު ހޭދައެއްކޮށް ސްކޮޑު ވަރުގަދަ ކުރި ނަމަވެސް އެ ކްލަބު މިވަގުތު އޮތީ 20 ޕޮއިންޓާއެކު އިޓާލިއަން ލީގުގެ ހަތް ވަނާގައެވެ. މޮންޓެލާގެ ކޯޗު ކަމުގެ ދަށުން މި ސީޒަނުގައި އެ ޓީމު ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ ހަ މެޗުންނެވެ.

މިލާންގެ ޔޫތު ޓީމުގެ ކޯޗުކަމުގައި ހުރި ގަޓޫސޯ ސީނިއާ ޓީމުގެ ކޯޗަކަށް ހަމަ ޖެއްސީ މި ސީޒަނުގެ ނިޔަލަށެވެ.

އުމުރުން 39 އަހަރުގެ ގަޓޫސޯ މިލާނަށް ކުޅެދިނީ 1999 އިން 2013 ވަނަ އަހަރުގެ ނިޔަލަށެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު ދުވަސްވަރު އިޓާލިއަން ލީގު އަދި ޗެމްޕިއަންސް ލީގު ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ.

ކުޅުން ހުއްޓާލުމަށްފަހު ގަޓޫސޯ ވަނީ ބައެއް ކްލަބުތަކަށް ކޯޗުކަން ވެސް ކޮށްދީފައެވެ. ނަމަވެސް ކޯޗުކޮށްދިން އެއްވެސް ކްލަބަކާއެކު ކާމިޔާބީއެއް އޭނާއަށް ހޯދިފައެއް ނުވެއެވެ.