މި ނިމުނު ހަފްތާއަކީ ދިވެހި ފިލްމީ ދާއިރާއަށް ވަރަށް އުފާވެރި އަދި ކާމިޔާބު ހަފްތާއެކެވެ. ފަހުރުވެރިވުން ހައްގު ކާމިޔާބީއެއް ރާއްޖެއަށް ވެސް ލިބުނު ހަފްތާއެކެވެ. ސާކް ސަރަހައްދުގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ރާއްޖެއަށް ލިބިގެން ދިޔައީ މިދިޔަ ހަފްތާގައެވެ.

ބަތަލާ އާއިޝަތު ރިޝްމީ ރަމީޒަށް މި އެވޯޑް ލިބުނީ މިދިޔަ ހަފްތާ ސްރީލަންކާގައި ބޭއްވި ސާކް ފިލްމު ފެސްޓިވަލުގައެވެ. އޭނާ އަށް އެވޯޑް ލިބުނީ އާއިލީ ޕްރޮޑަކްޝަން ހައުސް ޔާރާ ޕްރޮޑަކްޝަން އުފެއްދި "ވިޝްކާ" ގައި އޭނާ އަދާކޮށްފައިވާ ރޯލަށެވެ.

ރިޝްމީއަށް ލިބުނު ކާމިޔާބީ އާއެކު އޭނާ ވަނީ މިއަދު ރާއްޖެ އައިސްފައެވެ. ރިޝްމީ އަށް މަރުހަބާ ކިޔުމަށް އޭނާގެ އާއިލާ އާއި ފިލްމީ ދާއިރާގެ ބައެއް ފަންނާނުން ވަނީ މިއަދު އެއާޕޯޓަށް ގޮސްފައެވެ.

ސާކް ފިލްމު ފެސްޓިވަލް އިން އެންމެ މޮޅު ބަތަލާ ގެ އެވޯޑު ލިބުނު ރިޝްމީ އަށް މަރުހަބާ ކިޔުން -- ސަން ފޮޓޯ

އެއާޕޯޓުގައި ހުރެ މީޑިއާ އާ ވާހަކަ ދައްކަމުން ރިޝްމީ ބުނީ ވިޝްކާއަކީ ސާކް ފިލްމް ފެސްޓިވަލަށް އަމާޒުކޮށް އުފެއްދި ފިލްމެއް ކަމަށެވެ.

"ރިޝްމީ ވަރަށް އުފާވޭ ރިޝްމީގެ މަސައްކަތުން ރާއްޖެއަށް ރީތި ނަމެއް ހޯދައި ދެވުނީތީވެ. މީ ކަންނޭނގެ ރިޝްމީގެ ސައިޑުން ރާއްޖެއަށް ދެވޭނެ ކޮންޓްރިބިއުޝަނަކީ،" ރިޝްމީ ބުންޏެވެ.

އޭނާ ބުނީ ވިޝްކާއަކީ ސާކް ސަރަހައްދުގެ އެންމެ މޮޅު ބަތަލާގެ އެވޯޑަށް ހެދި ފިލްމެއް ކަށާއި މިއަދު އެކަމާ ފަހުރުވެރިވާ ކަމަށެވެ.

"ވިޝްކާއަކީ ލިޔަން ދިން އިރުވެސް އެ ރިކުއެސްޓާއެކު (ސާކު ފިލްމް ފެސްޓިވަލް އަށް އަމާޒުކޮށް) ލިޔަން ދިން އެއްޗެއް. ބެސްޓް އެކްޓްރެސް އެވޯޑް ގެނެވޭ ވަރުގެ ބައެއް އިންނަ ވަރުގެ ވާހަކައެއް ލިޔެދޭށޭ ކިޔާފަ ހަވާލު ކުރި ވާހަކައެއް އެއީ،" ވިޝްކާގެ ވާހަކަ ލިޔުނު އަބްދުﷲ ވިޝާމަށް ތައުރީކޮށް ރިޝްމީ ބުންޏެވެ.

ރިޝްމީ ބުނީ ވިޝާމް އޭނާގެ މަސައްކަތް ފުރިހަމައަށް އަދާކޮށްފައިވާ ކަމަށެވެ.

ރިޝްމީ އެވޯޑާއެކު -- ފޮޓޯ ޓްވިޓާ

ސަރަހައްދުގެ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ރިޝްމީއަށް ލިބުނީ ސަރަހައްދުގެ 17 ފިލްމަކާ ވާދަކޮށްގެން ކަމަށެވެ. ސާކް ފިލްމު ފެސްޓިވަލްގައި ރިޝްމީ ވަނީ މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން ބައިވެރިވެފައެވެ. އެއީ ފިލްމު "އިންސާނާ" އަދި "މިކޮއި ބައްޕަ ބައިބައި" އިންނެވެ.

"ފިލްމު އެވޯޑްސްގަ ފިލްމު ބެލި ޖަޖުންނާ، އެހެން ގައުމުތަކުގެ ތަރިންވެސް ބުނި ފިލްމު ބަލާފަ ވަރަށް އައުސްޓް ސްޓޭންޑިން އޭ ޕާފޯމަންސް. ވަރަށް ތައުރީފް ކުރި،" އެންމެ މޮޅު ބަތަލާގެ އެވޯޑަކީ ރިޝްމީއަށް ހައްގު އެއްޗެއް ކަމަށް ޖަޖުން ވެސް ފާހަގަކުރި ކަމަށް އިޝާރާތްކޮށް، ރިޝްމީ ބުންޏެވެ.

ވިޝްކާގެ ޑައިރެކްޓަރު ރަވީ ފާރޫގް ބުނީ ވިޝްކާގެ ކެރެކްޓާއަށް އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބުމަކީ "ހުވަފެނެއް ސީދާވުން" ފަދަ ކަމެއް ކަމަށެވެ. ފިލްމުގެ މަސައްކަތް ފެށި އިރުވެސް ރިޝްމީގެ ޑިމާންޑަކީ ސާކް ފިލްމު ފެސްޓިވަލުން އެންމެ މޮޅު ބަތަލާގެ އެވޯޑަށް ޓާގެޓް ކުރުން ކަމަށް ރަވީ ބުންޏެވެ.

ފިލްމު ހެދިއިރު މަސައްކަތްކޮށްފައި ވާނީ ރިޝްމީއަށް އެވޯޑު ހޯދައިދިނުމަށް ކަމަށާއި ވިޝްކާއަކީ "ފުރިހަމަ" ފިލްމެއް ކަމަށް ރަވީ ބުންޏެވެ.

އެވޯޑަށް ޓާގެޓް ކޮށްގެން ފިލްމު އުފައްދާނަމަ އެކަން ހާސިލްވާނެ ކަމަށް ވެސް ރަވީ ބުންޏެވެ.

"އާދައިގެ ބަޔަކާ ވާދަކޮށްގެންނެއް ނޫން އެވޯޑް މި ލިބުނީ. ވަރަށް ބޮޑު ކާމިޔާބީއެއް މިއީ،" ރިޝްމީއާއެކު ފިލްމީ ދާއިރާގެ ގިނަ މަސައްކަތްތަކެއްކޮށްައިވާ ރަވީ ބުންޏެވެ.

ސާކް ސަރަހައްދުގައި ފާހަގަ ކުރެވޭ ބޮޑު ކާމިޔާބީއެއް ވިޝްކާ އަށް ލިބުނު އިރު މި ފިލްމު އޮލިމްޕަސް ސްކްރީންގައި އެޅުވުމަށް މިހަރު ވަނީ ތައްޔާރުވެފައެވެ. މިމަހުގެ 30 އަދި އަންނަ މަހުގެ އެއްވަނަ ދުވަހު ވިޝްކާ އޮލިމްޕަހުގައި އަޅުވާނެއެވެ. ޓިކެޓް މިހާރު އޮލިމްޕަހުން ދަނީ ވިއްކަމުންނެވެ.