27 Nov 2017, 16:16
މޮސްކޯ (27 ނޮވެމްބަރު) :އެމެރިކާ އިން ބޭނުންވަނި ސޫދާން ފަސް ބަޔަށް ބައިކޮށްލަން ކަމަށް ސޫދާނުގެ ރައީސް އޮމަރު އަލް ބަޝީރު ވިދާޅުވެއްޖެ އެވެ.
ރަޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ދުވަހު ނޫސް، އާރުއައިއޭ ނޮވޮސްތީ އޭޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި އޮމަރު ވިދާޅުވީ ސޫދާނުން އަމިއްލަ ސަލާމަތްތެރިކަން ނުހޯދައިފި ނަމަ އެމެރިކާ އިން އެގައުމު ފަސް ބަޔަށް ބައިކޮށްލަން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އިރާގާއި ސީރިއާގެ އިތުރުން ޔަމަނު ހަލާކުކޮށްލުމުގައި އެމެރިކާ އިން ވަރަށް ބޮޑު ދައުރެއް އަދާކުރި ކަމަށާއި ހަމަ އެމޭރުމުން ސޫދާނަށް ވެސް ބޮޑެތި ފިއްތުންތަކެއް އެމެރިކާގެ ފަރާތުން ކުރިމަތިވާ ކަމަށް އޮމަރު ވިދާޅުވި އެވެ.
ސޫދާނުން އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިން އަށް ހިޔާވަހިކަންދޭ ކަމަށް ބުނެ އެމެރިކާ އިން ވަނީ ސޫދާނާ ދެކޮޅަށް ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅު މީގެ ކުރިން އަޅައިފަ އެވެ.
ނަމަވެސް ސޫދާނާއި ސައުދީގެ ގުޅުން ބަދަހިވި ފަހުން އެމެރިކާ އިން ވަނީ ސޫދާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލައިފަ އެވެ.
"ރަޝީއާގެ ކިބައިން މިޙާރު އެދެފިން އެސްޔޫ-30 ފައިޓާ ޖެޓްސް ގަންނަން. މިވައްތަރުގެ ފައިޓާޖެޓްސްއަކީ އަހަރެމެންގެ ވައިގެ ދިފާއީ ކަންކަމަށް ވަރަށް އެކަށޭނެ ޖެޓްތަކެއް. އަޅުގަނޑުމެންގެ ނެތް އެއްވެސް ބަޔަކާ ކުރިމަތިލުމުގެ ވިސްނުމެއް. ހަމައެކަނި ބޭނުން ވަނީ ގައުމު ދިފާއުކުރަން." އޮމަރު ވިދާޅުވި އެވެ.
މީގެ ކުރިން ސޫދާނަކީ މުޅި އެފްރިކާގައި ވެސް އޮތް އެންމެ ބޮޑު ގައުމެވެ. ނަމަވެސް ފަހުން ވަނީ އެގައުމުގެ އުތުރުގެ ސަރަހައްދު އެގައުމުގެ ކިބައިން މިނިވަންކަން އިއުލާންކޮށްފަ އެވެ. އޮމަރު ވިދާޅުވީ އެ ގައުމު ދެބައިކޮށްލުމުގައި ފަހަތުގައި އެމެރިކާ އިން މުހިންމު ދައުރެއް އަދާ ކުރި ކަމަށެވެ.
އޮމަރު ވަނީ ރަޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ރައީސް ވުލަޑިއަމިއާ ޕުޓިންއާ ބައްދަލުކުރައްވައި ރަޝިއާގެ އަސްކަރީ މަރުކަޒެއް ސޫދާނުގައި އެޅުމާމެދު މަޝްވަރާކުރައްވައިފަ އެވެ.
ރަޝިއާގެ ޑިފެންސް ސެކިޔުރިޓީގެ އިސް ބޭފުޅަކު ބުނި ގޮތުގައި ސޫދާނުން ބޭނުން ނަމަ ރަޝިއާ އިން އޮތީ އެ ގައުމުގައި އަސްކަރީ މަރުކަޒެއް އަޅަން ތައްޔާރަށެވެ. ނަމަވެސް ވިދާޅުވީ އޭގައި ގޮތެއް ނިންމަވާނީ ޕުޓިން ކަމަށެވެ.
ރަޝިއާގެ އަސްކަރީ މަރުކަޒެއް މިހާރު ވެސް ސީރިއާގައި އޮވެ އެވެ.
އާރުޓީ