ޕްރިންސެސް ޑަޔާނާގެ ދަރިފުޅު ޕްރިންސް ހެރީ އަންނަ ސްޕްރިންގްގައި ކައިވެނި ބައްލަވައިގަންނަވާނެ ކަމަށް އެންބީސީ ނިއުސް އިން ބުނެފި އެވެ.

އެންބީސީ އިން ބުނީ އަންނަ ސުޕްރިންގްގައި ޕްރިންސް ހެރީ،33، އަދި އޭނާގެ ލޯބިވެރިޔާ، ހޮލީވުޑްގެ ކުޅަދާނަ ބަތަލާ މޭގަން މާކްލް،36، ރަސްމީކޮށް މިއަދު ލަންޑަންގައި އެންގޭޖްކޮށްފައިވާ ކަމަށާއި މިހާރު އަންނަނީ ކައިވެނީގެ ކަންތައްތައް ހަމަޖައްސަމުން ކަމަށެވެ.

"ކައިވެނި ކުރާނެ ތާރީހާއި އެ ދެ މީހުން ކައިވެނި ބައްލަވައިގަންނަވާނެ ތަނެއް ވަރަށް އަވަހަށް ހިއްސާ ކުރާނަން،" އެންބީސީ ނިއުސްގައިވެ އެވެ.

އެ ގުޅުމަކީ ސިއްރު ގުޅުމެއް ކަމަށާއި އެ ގުޅުން އާންމުކޮށްފައި ވެސް ވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައި ކަމަށް އެ ނޫހުގައިވެ އެވެ.

ޕްރިންސް ހެރީގެ ދޮށީ ބޭބެ ޕްރިންސް ވިލިއަމް އާއި ކޭޓް މިޑްލްޓަން އަށް ތިން ވަނަ ދަރިއަކު ލިބެން އުޅޭ އިރު ޕްރިންސް ހެރީ މިވަނީ އޭނާގެ ލޯބިވެރިޔާ އާ އެންގޭޖްކޮށްފަ އެވެ. ވިލިއަމްސްގެ މިހާރު ތިބެނީ ޖޯޖް ކިޔާ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކާއި ޗާލޮޓް ކިޔާ ދެ އަހަރުގެ އަންހެން ކުއްޖެކެވެ.

މައުލޫމާތު: އެންބީސީ ނިއުސް