މުސްލިމުންނަކީ ޓެރެރިސްޓުން ކަމަށާއި ކޮންމެ މުސްލިމަކީ ޖިހާދީއެއް ކަމަށް ވެސް ބައެއް މީޑިއާތަކުން އަބަދުހެން ފަތުރަ އެވެ. ނަމަވެސް އިންޑިއާގެ ހިންދޫން ވަނީ މުސްލިމުންނާ ޖިހާދާ ގުޅުވާލުމަށް މުޅިން އާބޮޅެއް އިތުރުކޮށްފަ އެވެ. މިއަށް ކިޔަނީ ލޯބީގެ ޖިހާދެވެ. ހަރުކަށި ހިންދޫން ދެކޭ ގޮތުގައި އިންޑިއާގެ މުސްލިމު ފިރިހެނުން ލޯބީގެ "ޖިހާދު" ކޮށްގެން ދަނީ ހިންދޫ އަންހެނުންނާ ރައްޓެހިވެ އެމީހުން އިސްލާމްދީނަށް ވައްދައި ކައިވެނިކުރަމުންނެވެ.

އިންޑިއާގެ ސުޕްރީމްކޯޓުން މިހާރު ތައްޔާރުވަމުންދަނީ އެފަދަ ލޯބީގެ "ޖިހާދުގެ" މައްސަލައެއް ނިންމުމަށެވެ.

ކެރެލާގައި ދާދި ފަހުން އިސްލާމްވި ހާދިޔާ މުސްލިމު ފިރިހެނަކާ ކައިވެނިކުރުމަށް ވަނީ ވަރަށް މައްސަލަ ހޫނުވެފަ އެވެ.

ހާދިޔާގެ ބައްޕަ ބުނާ ގޮތުގައި ކެރެލާގެ ހަރުކަށި މުސްލިމުން ވަނީ އޭނާގެ ސިކުނޑި ދޮވެލައިފަ އެވެ. އަދި އޭނާ އިސްލާމްވީ އޭނާގެ ފިރިމީހާ ފިއްތުންތައް ކުރިމަތިކުރުމުގެ ސަބަބުންނެވެ.

އެހެންނަމަވެސް ކެރެލާ ސަރުކާރުގެ އޮފިޝަލެއް ވިދާޅުވި ގޮތުގައި ހާދިޔާ އިސްލާމްވި އިރު އޭނާ ހުރީ ނަފްސާނީ ގޮތުން އެންމެ ރަނގަޅު ހާލަތުގައި ނޫންކަމަށް ވިޔަސް އެކަން ސާބިތުކޮށްދެވިފައި ނުވާ ކަަމަށެވެ. އަދި ވިދާޅުވީ ހާދިޔާ އިސްލާމްވީ އޭނާއަށް ފައިސާގެ ބޮޑު އަދަދުތަކެއް ދީގެން ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

ހާދިޔާގެ ކައިވެނި ބާތިލުކޮށް އޭނާގެ މައިންބަފައިންނާ ހަވާލުކުރުމަށް ކެރެލާގެ ހައިކޯޓުން ކޮށްފައިވާ މައްސަލާގައި އޭނާގެ ފިރިމީހާ ވަނީ ސުޕްރީމްކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލާގައި އިންޑިއާގެ ސުޕްރީމްކޯޓުން ވަނީ އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަން އޭޖެންސީއަށް (އެންއައިއޭ) އެ މައްސަލަ ތަހުގީގު ކުރުމަށް ހަވާލުކޮށްފަ އެވެ.

އެންއައިއޭ އިން ބުނި ގޮތުގައި ކެރެލާގައި ގަދަކަމުން އިސްލާމްދީނަށް ވެއްދި ކަމުގެ ނުވަ މައްސަލައެއް މީގެ ކުރިން ވެސް ހުށަހަޅައިފަ އެވެ.

ހާދިޔާ މިހާތަނަށް ވެސް ބުނަމުން އައީ އޭނާ އިސްލާމްވީ އަމިއްލަ އިހްތިޔާރުގައި ކަމަށާއި އަދި އޭނާ މުސްލިމް ފިރިހެނަކާ ކައިވެނި ކުރީ އޭނާގެ އިހްތިޔާރުގައި ކަމަށެވެ.

"އިސްލާމްވުމަށް އަހަންނަކަށް އެއްވެސް މީހަކު މަޖުބޫރެއް ނުކުރޭ. އަހަރެން ފިރިމީހާއާ އެކު އުޅުނަދީ." ހާދިޔާ ބުންޏެވެ.

އިންޑިއަންއެކްސްޕްރެސް