މާލޭ ހުކުރު މިސްކިތް ހުރި ބިމުގައި ކިޔަވަން ތިބެވޭ ގޮތަށް ޖާގަތަކެއް ހަދައި، ކެފޭއެއް ހިންގާނެ ބަޔަކު ހޯދަން ކުރި އިއުލާން ހައުސިން މިނިސްޓްރީން ބާތިލްކޮށްފިއެވެ.

ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު ހަސަން ވަހީދު "ސަން" އަށް ވިދާޅުވީ އެ އިއުލާން ބާތިލްކުރީ އެކަމާ ގުޅޭގޮތުން އިތުރަށް ދިރާސާކުރުމަށް ކަމަށެވެ.

ހަސަން ވަހީދު ވިދާޅުވީ އެ މަޝްރޫއު ނުހިންގަން ސަރުކާރުން ނިންމި ކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"އެ މައްސައްކަތް ކުރިއަށް ގެންދާކަށް ވެސް އަދި ނުގެންދާކަށް ވެސް ސަރުކާރުންް އަދި ނުނިންމާ. އިތުރަށް ދިރާސާ ކުރުމަށް އެ އިއުލާން ބާތިލްކުރީ،" ހަސަން ވަހީދު ވިދާޅުވިއެވެ.

މާލޭ ހުކުރު މިސްކިތް ހުރި ބިމުގައި ކެފޭއެއް ހަދަން ނިންމާފައިވާތީ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އެކަމާ ގުޅޭގޮތުން ކަންބޮޑުވުންފާޅުކުރި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ރައީސް މައުމޫން ވިދާޅުވީ ހުކުރު މިސްކިތުގެ ސަރަހައްދުގައި ކެފޭއެއް އެޅުމަކީ ދީނީ ގޮތުންނާއި ތާރީޚީ ގޮތުން ކުރުން ހެޔޮވާނެ ކަމެއް ނޫން ކަމަށެވެ.