27 Nov 2017, 15:48
އަހަރުގެ މިސް ޔުނިވާސް އަކަށް ސައުތު އެފްރިކާގެ ރީތީގެ ރާނީ ޑެމީ ލެއި ނެލް ޕީޓާސް ހޮވައިފި އެވެ.
އެއާ އެކު އެ ލަގަބު ސައުތު އެފްރިކާ އަށް ލިބުނު ދެވަނަ ފަހަރަށް މިފަހަރު ވަނީ ވެފަ އެވެ.
ރޭ ލަސްވެގާސްގެ އެކްސެސް ތިއޭޓާގައި ބޭއްވި ހަފްލާގައި އޭނާގެ ބޮލުގައި މިސް ޔުނިވާސްގެ ތާޖު އެޅުވީ މިދިޔަ އަހަރުގެ މިސް ޔުނިވާސް ފްރާންސްގެ އައިރިސް މިޓެނާ އެވެ.
މިސް ޔުނިވާސް 2017ގެ ފުރަތަމަ ރަނަރަޕަކަށް ހޮވިފައި ވަނީ ކޮލަމްބިއާގެ ރީތީގެ ރާނީ ލައުރާ އެވެ. އަދި ދެވަނަ ރަނަރަޕަކަށް ހޮވިފައި ވަނީ ޖަމައިކާގެ ޑެވީނާ ބެނެޓް އެވެ.

މިދިޔަ އަހަރުގެ މިސް ޔުނިވާސް ފްރާންސްގެ އައިރިސް މިޓެނާ މިއަހަރުގެ މިސް ޔުނިވާސް ޑެމީ ލެއިގެ ބޮލުގައި ތާޖު އަޅުވަނީ---
އުމުރުން 22 އަހަރުގެ މިސް ޔުނިވާސް ޑެމީ ވަނީ ބިޒްނަސް މެނޭޖްމަންޓް އިން ޑިގްރީ ހާސިލްކޮށްފަ އެވެ. އެއް އަހަރު ވަންދެން މުސާރަ އާއި ނިއުޔޯކް ސިޓީ އިން ލަގްޒަރީ އެޕާޓްމަންޓެއް ޑެމީ އަށް ލިބުމުގެ އިތުރުން އޭނާ އަށް އެހެން އަގުހުރި އިނާމްތަކެއް ލިބިގެންދާނެ އެވެ.
އެކި ގައުމުތަކުން ޖުމްލަ 92 އަންހެނުން މި ފަހަރުގެ މިސް ޔުނިވާސްގައި ވަނީ ބައިވެރިވެފަ އެވެ.
މައުލޫމާތު: އެމްއެސްއެން