ކުރެއްދޫގައި އިނގިރޭސި ދެ މީހަކު މަރުވީ މަގުމަތީގެ އެކްސިޑެންޓެއްގައި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުސް އޮފީހުން އިއްޔެގެ ތާރީހުގައި ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހުކުރު ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި އެ ރިސޯޓުގެ ދެ ގެސްޓަކު ޒަހަހަމުތަކާ އެކު މަގެއްގެ މަތިން ފެނިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި ޒަހަމުވި ކަމަށް ބެލެވޭ އިތުރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުމާ އެކު ނައިފަރުގައި ތިބޭ ފުލުހުންގެ ޓީމެއް އެ ރަށަށް ފޮނުވި ކަމަށާއި އެ އަށް ފަހު މާލޭގައި ހުންނަ ފުލުހުންގެ މައި މަރުކަޒުން ހާއްސަ ތަހުގީގީ ޓީމެއް އެ ރަށަށް ފޮނުއްވި ކަށެވެ.

ފުލުން ބުނީ އެ ހާދިސާގައި މަރުވި އިނގިރޭސި ދެ ރައްޔިތުންނާ ބެހޭ މައުލޫމާތު އެ ދެ މީހުންގެ އާއިލާ އަށް އެންގުމުގެ ކުރިން އާންމު ނުކުރާނެ ކަމަށެވެ.

އެ ދެ މަރާ ބެހޭ ބެހޭ ފުރިހަމަ ތަހުގީގެއް ފުލުހުން ކުރަމުން އަންނަ ކަމަށާއި އަދި ފަހުން އެކަމާ ބެހޭ އިތުރު މައުލޫމާތު އާންމު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ކުރެއްދޫގައި ހަނީމޫން ހަދަމުން ދިޔަ އިނގިރޭސި ދެމަފަރިންގެ މަރާ ބެހޭ ގޮތުން އެ ރަށުން ވާހަކަ އެހެން މީހަކު ބުނީ އެމީހުން ވެއްޓިފައި ތިއްބާ ފެނުނީ އެ ދެމަފަރިން ދުއްވަން އުޅުނު ގޮލްފް ކާޓް ކައިރީގައި ކަމަށެވެ.