ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން އަމިއްލަ އަށް ވަކިވާން ނިންމި ސޮބާހު މުހައްމަދު (ސޮބާ) އަށް ގދ. ތިނަދޫ ޓީމުގެ ކޯޗު އަލީ ސުޒޭން ތައުރީފުކޮށްފި އެވެ.

ގްރީންގެ ކޯޗުކަމުން ސޮބާ ވަކިކުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވީ ނަމަވެސް، މިއަދު 'ސަން ސްޕޯޓްސް' އަށް މައުލޫމާތު ދެމުން ސޮބާ ބުނީ އޭނާ މާ ކުރިން ވެސް މި ސީޒަނަށް ފަހު ކްލަބު ދޫކޮށްލުމަށް ނިންމާފައިވާ ކަން އަންގާފައިވާނެ ކަމަށެވެ. ގްރީންއާ އެކު ސޮބާ ހަދާފައިވާ އެއްބަސްވުން ވެސް މިސީޒަން ނިމުމުން ހަމަވާނެ އެވެ.

އެކަމާ ގުޅިގެން ފޭސްބުކްގައި މިއަދު ކުރި ޕޯސްޓެއްގައި ސުޒޭން ބުނީ ގްރީންގެ ކޯޗުކަމުގައި ހުރެ ސޮބާ ކުރީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށާއި އޭނާ އަކީ އާ ކޯޗުންނަށް ހުރި ހިތްވަރެއް ކަމަށެވެ.

"ސޮބާ ތި ކުރީ ވަރަށް ރަނގަޅު މަސައްކަތެއް. އެންމެ މަތީ ލީގުގައި ވާދަކުރާ އާ ކޯޗުންނަށް ސޮބާ އަކީ ހުރި ނަމޫނާ އެއް. ކޯޗުކަން ކުރުމަކީ އުނދަގޫ މަސައްކަތެއް. ނަމަވެސް ސޮބާ އެކަން ވަރަށް ރަނގަޅަށް އަދާކޮށްފި،" ސުޒޭން ކުރި ޕޯސްޓުގައި ލިޔެފައިވެ އެވެ.

ސުޒޭން ވަނީ ސޮބާއަށް ކޯޗިންގެ ދާއިރާ އިން އާ ކަންތައްތަކެއް ދަސްކުރަން ގޮވާލައިފަ އެވެ. އަދި ކޮންމެވެސް ދުވަހަކުން ސޮބާ އަކީ ރާއްޖޭގައި ހުރި އެންމެ މޮޅު ކޯޗަށްް ވެގެން ދާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ސޮބާގެ ކޯޗިން ކެރިޔަރު ފުރަތަމަ ފެށީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެވެ. ޕްރެޒިޑެންޓްސް 2015ގައި ސޮބާ ނިއުއަށް އިރުޝާދު ދިން އިރު، އޭނާ ވަނީ އެ މުބާރާތުގެ ރަނަރަޕްކަން އެ ކްލަބަށް ހޯދައިދީފަ އެވެ.