ހއ. އިހަވަންދޫގެ އައިސްޕްލާންޓުގައި މަސައްކަތް ކުރި ޅ. ހިންނަވަރު، އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރާލި ގޮތް، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝުމޮން މިއާ ޝަރީއަތުގެ މަޖިލީހުގައި ވަރަށް ތަފްސީލުކޮށް ކިޔައިދީފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ޝުމޮން މިއާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް، އިބްތިދާއީ އަޑުއެހުމުގައި ވެފައިވާ އިއުތިރާފް އެގޮތުގައި ދަމަހައްޓާނީތޯ ސުވާލު ކުރައްވާފަ އެވެ.

ޖަވާބުގައި ޝުމޮން ބުނީ، އިއްސެ މަރާލީ ގަސްތުގައި ކަމަށާއި، އެކަމަށް އޭނާ އިއުތިރާފް ވާ ކަމަށެވެ. އަދި އެ އިއުތިރާފަކީ އެއްވެސް މަޖުބޫރު ކަމެއް ނެތިވީ އިއުތިރާފެއް ކަމަށް އޭނާ ބުންޏެވެ.

އިއްސެ މަރާލާފައި އޮއްވައި ފެނިފައިނީ، މި އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު އޭނާ މަސައްކަތް ކުރާ އައިސްޕްލާންޓް ތެރޭގަ އެވެ.

އިއްސެ މަރާލަން ރޭވީ ޝަކުވާ ބޮޑުކަމުން

ޝުމޮން ބުނިގޮތުގައި އޭނާ ފުރަތަމަ މަސައްކަތް ކުރީ ފެލިވަރުގަ އެވެ. އެހެން ނަމަވެސް އޭނާ އެތަނުގައި މަސައްކަތް ކުރަމުން ދަނިކޮށް، ފެލިވަރުގެ މެނޭޖަރު އޭނާ އިހަވަންދޫ އައިސްޕްލާންޓަށް ފޮނުވުމަށް ނިންމި ކަމަށް ޝުމޮން ބުންޏެވެ. އަދި އިހަވަންދުއަށް އޭނާ ދިޔައީ ދާހިތުން ނޫން ކަމަށާއި، ވަޒީފާގައި ހުންނަން ބޭނުން ނަމަ އިހަވަންދޫއަށް ދިއުމަށް އޭނާ އަށް ވަނީ އަންގާފައި ކަމަށެވެ.

އިހަވަންދޫގެ އައިސްޕްލާންޓުގައި މަސައްކަތް ކުރަމުން ދިޔައީ ޖުމްލަ ހަތަރު މީހުންނެވެ. އެއީ ޝުމޮން އާއި އިއްސެގެ އިތުރުން ދެ ދިވެއްސެކެވެ. އޭގެ ތެރެއިން އައިސްޕްލާންޓުގެ އެކޮމޮޑޭޝަން ބްލޮކްގައި ނިދަނީ އިއްސެ އާއި ޝުމޮން އެވެ. އެ ދެމީހުންވެސް ނިދަނީ އެއްކޮޓަރިއެއްގަ އެވެ.

އިހަވަންދޫ އައިސްޕްލާންޓުގައި އިއްސެއާއި ޝުމޮން ނިދާ ކޮޓަރި --

މިއަދުގެ އަޑުއެހުމުގައި ޝުމޮން ބުނީ، އިއްސެ މަރާލުމަށް ހިތުލީ، އޭނާ އައިސްޕްލާންޓުގައި މަސައްކަތް ކުރި އިރު، އިތުރު ގަޑީގެ ފައިސާ ނުދޭތީއާއި، އަންހެނުންނަށް ގުޅައިގެން ހުންނަ އިރު ޝަކުވާކޮށް އެއްޗެހި ކިޔާތީ ކަމަށެވެ.

"އެއްދުވަހު އަންހެނުންނަށް ގުޅައިގެން ހުއްޓައި އަންހެނުން ބުނީ ތިމަންނައަށް ނުގުޅާށޭ. މަށަށް ހީވަނީ އެއްޗެހި ކިޔާ އަޑު އިވުނީހެން. އެހެންވެ އަންހެނުން ބުނީ ތިމަންނަ އަށް ދެން ނުގުޅަށްޗޭ. ތިމަންނަ މިދަނީއޭ ތިމަންނަ އަމިއްލަ މައިންބަފައިން ކައިރިއަށް،" ޝުމޮން ކިޔައިދިނެވެ.

ޝުމޮން ބުނީ އޭގެފަަހުން އަންހެނުން ފޯނު ނުނަގާ ކަމަށެވެ.

އިއްސެ މަރާލަން ނިންމީ އެކަމާ ގުޅިގެން އުފެދުނު ރުޅިވެރިކަމުގައި ކަމަށް ޝުމޮން ބުންޏެވެ.

އިއްސެ މަރާލަން ބޭނުން ކުރީ ވަޅިއަކާ ވާގަނޑެއް

ޝުމޮން ކިޔައިދިން ގޮތުގައި އިއްސެ މަރާލުމުގެ ދެދުވަސް ކުރިން ފިލައިގެން ގޮސް އައިސްޕްލާންޓް ކައިރީގައި ހުރި ފަޅު ގެއެއްގައި އޭނާ އުޅެފައިވާނެއެވެ. އެ ފަޅުގެއަކީ ކުރިން ތެޔޮ ވިއްކުމަށް ބޭނުން ކުރި ތަނެކެވެ.

ޝުމޮންމިއާ ފިލަން ވަތް ކަމަށް އޭނާ ބުނާ ފަޅުގެ: އެތަނަކީ ކުރިން ތެޔޮ ރައްކާ ކުރާ ތަނެއް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޝުމޮން ބުނިގޮތުގައި އޭނާ އިއްސެ މަރާލުމަށް އައިސްޕްލާންޓަށް ދިޔައީ 12 ވަރަކަށް ފޫޓު ހުންނަވަރުގެ ވާގަނޑެއް ހިފައިގެންނެވެ. އޭނާ ބުނިގޮތުގައި ފުރަތަމަ ހިތުލައިގެން ދިޔައީ ވާގަނޑު ބޭނުން ކޮށްގެން އިއްސެ މަރާލުމަށެވެ. އޭރު އިއްސެ އޮތީ ނިދާފައި ކަމަށާއި، ވާގަނޑުން އެކަނި މަރާނުލެވިދާނެ ކަމަށް ވިސްނުމުން އެ ކޮޓަރި ތެރޭގައި ހުރިކަބަޑުން ގާތްގަނޑަކަށް ފޫޓެއް ހުންނަ ވަރުގެ ވަޅި އެއް ނެގުމަށްފަހު އިއްސެ ކައިރިއަށް ދިޔައީ ކަމަށެވެ.

"އިއްސެ އޮތީ ޑަބަލް ބެޑްގެ ތިރީގައި. މަތީ އެނދުގަ ވަޅި ބާއްވާފަ ވާގަނޑު ލެއްވީ އިއްސެގެ ކަރަށް. ވާގަނޑު ބާރުކޮށްނުލެވެނީސް އިއްސެއަށް ހޭލެވިގެން އަތުން އަހަރެން ގައިގަ ޖެހީ. އަހަރެންވެސް އޭނާގެ މޭގަ ދެތިން ފަހަރު ޖެހިން. އެއަށްފަހު ވަޅި މަތިން ހަނދާންވެގެން ވަޅި ނަގާފަ ފުރަތަމަ ޖެހީ އޭނާގެ އަތަށް،" ޝުމޮން ކިޔައިދިނެވެ.

އިއްސެގެ އަތަށް ވަޅި ހެރުމުން އޭނާ އެ ވަޅި އަތުލި ކަމަށް ޝުމޮން ބުންޏެވެ. އަދި ޝުމޮން އަލުން އެ ވަޅި އަތުލަން އުޅުމުގެ ތެރޭގައި ޝުމޮންގެ އަތް ކަފައިގެން ދިޔަ ކަމަށާއި، އެއަށްފަހު ވަޅި ނަގައި އިއްސެގެ ކަރަށް ޖެހީ ކަމަށް ޝުމޮން ބުންޏެވެ.

"ދެފަހަރު ވަޅިޖެހިން ކަރަށް. އެވަރުންވެސް އިއްސެ މަރެއްނުވި،" ޝުމޮން ބުންޏެވެ.

ޝުމޮން ބުނީ އެއަށްފަހު ދަމާފައި އިއްސެ އެނދުން ވައްޓާލުމަށްފަހު ތިންވަނަ ފަހަރަށްވެސް ކަރަށް ވަޅި ހެރީ ކަމަށެވެ. އިއްސެއަށް ހަމަލާ ދިނުމަށްފަހު ވަޅިއާއި ވާގަނޑު އިއްސެ ކައިރީގައި ބޭއްވުމަށްފަހު ހުރިހާ ދޮރެއް ތަޅުލައި، ބޭރަށް ދިޔައީ ކަމަށް ޝުމޮން ބުންޏެވެ.

މަރާލުމަށްފަހު ދިޔައީ ކުޅުދުއްފުއްޓަށް

ޝުމޮން ބުނީ އިއްސެއަށް ހަމަލާ ދިނުމަށްފަހު ބަނގުލަދޭޝް މީހަކު އުޅޭ ގެއަކަށް ގޮސް، ފުރޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި ލޯންޗު ދުއްވާ މީހަކަށް ގުޅުމަށްފަހު ވެސް ފުރޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދިފައިވާނެ ކަމަށާއި އޭރު އިރު ނާރާ ކަމަށް އޭނާ ބުންޏެވެ.

ޝުމޮން ބުނިގޮތުގައި ލޯންޗު ހަމަޖެއްސުމަށް އުޅުމަށްފަހު އަނެއްކާވެސް އޭނާ ވަނީ އައިސްޕްލާންޓަށެވެ. އެތަނަށް އޭނާ އެރޭ ވަދެފައިވަނީ ފާޚާނާގެ ފެންލައިޓުންނެވެ. އަލުން އެތަނަށްގޮސް ޝުމޮން ވަނީ އެކޮމޮޑޭޝަން ބްލޮކުން އިއްސެ ދަމާފައި ބޭރަށް ނެރެފަ އެވެ. އެއަށްފަހު ލޭ ހުރި ތަންތަން ފެންޖަހައިގެން ސާފު ކުރުމަށް މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ.

ޝުމޮން ބުނިގޮތުގައި އިއްސެ މަރާލަން ބޭނުން ކުރި ވަޅި ވައްޓާލީ އެތަނުގައި ހުރި ޓޭންކެއްގެ ތެރެއަށެވެ. ޝުމޮން ބުނިގޮތުގައި އޭނާ ރާވާފައިވަނީ އިއްސެވެސް އެޓޭންކުގެ ތެރެއަށް ވައްޓާލުމަށެވެ. ނަމަވެސް އޭނައަށް އެކަނި އެކަންތައް ނުވުމުން އެތަނުގައި އިއްސެ ބޭއްވުމަށްފަހު ނުކުމެގެން ދިޔައީ ކަމަށް ޝުމޮން ބުންޏެވެ.

ހެނދުނަށް ލޯންޗެއް ހަމަޖެހުމުން ޝުމޮން ފުރައިގެން ދިޔައީ ކުޅުދުއްފުއްޓަށެވެ. އެރަށަށް ދިޔަ އިރު ގެންދިޔައީ އޭނާގެ ފޯނާއި، އިއްސެގެ ފޯނު އަދި އިއްސެ ވޮލެޓުގައި ހުރި ރުފިޔާއާއި އޭނާގެ އަތުގައި ހުރި ރުފިޔާ ކަމަށް ޝުމޮން ބުންޏެވެ. އެ ރުފިޔާތަކުގެ ތެރޭގައި ޝުމޮންގެ 4000 ރުފިޔާ އޮންނާނެ ކަމަށް އޭނާ ބުންޏެވެ. އަދި ބާކީ ހުރި ގާތްގަނޑަކަށް 15000 ރުފިޔާއަކީ އިއްސެގެ ރުފިޔާ ކަމށް އޭނާ ބުންޏެވެ.

ކުޅުދުއްފުށީގައި ހުއްޓައި، ޝުމޮންގެ ފޯނަށް ދިވެއްސަކު ގުޅާފައި، "ތިއީ ޝުމޮން މިއާ ހޭ؟ ހުރިތަނެއް ބުނާށޭ" ބުނުމުން އޭނާއަށް ދޮގުހަދައި، "ތިމަންނަ އަކީ ޝުމޮން އެއް ނޫނޭ. މި ހުރީ ދިއްދޫގައޭ" ބުނެ ސިމް ނަގައި އެއްލާލި ކަމަށް އޭނާ ބުންޏެވެ.

އެރަށުން އެރޭ ފުރަން ހަމަޖެހިފައި އޮތް ބޯޓަކުން އޭނާއަށް ޖާގަ ލިބުނެވެ. އެ ދުވަހުގެ މަޣުރިބް ނަމާދަށް ބަންގި ގޮވުމުގެ ކުރިން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން ގާޒީ ވިދާޅުވީ، އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ އަހަރުގެ ޖެނުއަރީ އަށް ވަނަ ދުވަހުގެ 10:00 ގައި އޮންނާނެ ކަމަށެވެ. އެ ދުވަހު އަޑުއެހުމުގައި އޮންނާނީ ދައުލަތުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގުން ކަމަށް ގާޒީ ވިދާޅުވި އެވެ. ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވެ އެވެ.