27 Nov 2017, 15:28
އިސްލާމްއާބާދު (27 ނޮވެމްބަރު) : ގާނޫނު ހަދާ މަޖުލީހުގެ ގާނޫނެއް އިސްލާމްދީނާ ތައާރަޒުވާ ގޮތަށް ބަދަލުކުރަން އުޅޭ ކަމަށް ބުނެ ޕާކިސްތާނުގައި ފެށި މުޒާހަރާތައް މާބޮޑަށް ހޫނުވުމުން ޕާކިސްތާނުގެ ލޯ މިނިސްޓަރު ޒާހިދު ހާމިދު އެންމެ ފަހުން އިސްތިއުފާ ދެއްވައިފި އެވެ.
ޕާކިސްތާނުގެ ދައުލަތުގެ ޓީވީ ޕީޓީވީން ބުނި ގޮތުގައި ޒާހިދު މިއަދު ހެނދުނު ވަނީ އިސްތިއުފާގެ ސިޓީ އެގައުމުގެ ބޮޑުވަޒީރު ޝާހިދު ހައްގާން އަށް ހުށަހަޅުއްވައިފަ އެވެ.
މުޒާހަރާތައް ފެށުނީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި މެމްބަރުން ހުވާކުރައްވާ އިރު ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އިގްރާރްވާން އޮންނަ ބަޔަށް ބަދަލެއް ގެނައުމަށް ނިންމުމުންނެވެ.
މުުޒާހަރާ ކުރުމުގައި އިސްވެ ހަރަކާތެރި ވަނީ ޕާކިސްތާނުގެ އިސްލާމިީ ޕާޓީއެއް ކަމަށްވާ ތަހުރީކީ ލައްބައިކް ޕާކިސްތާނެވެ. މުޒާހަރާ ފެށުނު ފަހުން ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ ދެ މީހުން މަރުވެ 250 މީހުން ޒަހަމްވެފަ އެވެ.
މުޒާހަރާ ކުރި މީހުން ބުނި ގޮތުގައި ހުވަޔަށް ގެންނަން އުޅޭ ބަދަލަކީ އިސްލާމްދީނަށް ފުރައްސާރަކުރުމެވެ.
ޕާކިސްތާނުގެ ސަރުކާރުން ފަހުން ބުނީ ހުވަޔަށް ގެންނަން އުޅުނު ބަދަލަކީ އޮޅިގެން ކުރެވުނު ކަމެއް ކަމަށާއި އެކަމަށް މާފަށް ވެސް އެދޭ ކަމަށެވެ. ޕާކިސްތާނުގެ ލޯ މިނިސްޓަރު ޒާހިދު ފަހުން ވަނީ އޭނާ އާއި އޭނާގެ އާއިލާ ކީރިތި ރަސޫލާއަށް ޓަކައި ގުރުބާން ވާން ތައްޔާރަށް އޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ.
ސީއެންއެން