ރާއްޖެއިން އުމްރާ އަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރާއްޖެ އިން މީހުން އުމްރާއަށް ގެންދިއުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ "ދިވެހިރާއްޖެ އިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު"ގައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ.

ދިވެހިރާއްޖެ އިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލަކީ ރާއްޖެއިން އުމްރާއަށް ދާ މީހުންގެ ހައްގުތައް ހިމާޔަތްކޮށް، އެ އަޅުކަމަށް ދާ ދިވެހިންގެ ފައިސާ ރައްކާތެރިކަމާ އެކު ބަލަހައްޓައި ފެންވަރު ރަނގަޅު ހިދުމަތެއް ލިބޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް އެކުލަވާލި އުސޫލެކެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުން، ރާއްޖެއިން އުމްރާއަށް މީހުން ގެންދެވޭނީ، އެކަމަށް އެދުމަށް އެދި އިސްލާމިކް މިނިސްޓްރީން ހުޅުވާލުމުން، އެކަމަށް އެދި ހުށަހަޅައި ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވެ، ހުއްދަ ދޭ ކުންފުނިތަކަށް އެކަންޏެވެ.

އަދި ޝަރުތު ހަމަވާ ކުންފުނިތަކަށް ވެސް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރާނީ އެއް އަހަރު ދުވަހަށް ކަމަށް ބުނެފައިވެ އެވެ. މިމަހުގެ ދެވަނަ ދުވަހު ގެޒެޓް ކޮށްފައިވާ އެ އުސޫލުގެ ބަޔާން ކޮށްފައިވާ ޝަރުތު ތަކުގެ ތެރޭގައި ފަސް ކަމެއް ހިމެނެ އެވެ.

އެގޮތުން، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގެ މަގުސަދުތަކުގެ ތެރޭގައި އުމްރާއަށް މީހުން ގެންދިއުމުގެ ހިދުމަތް ދިނުން ހިމެނިފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާންޖެހެ އެވެ.

އަދި ހައްޖަށް ނުވަތަ އުމްރާއަށް ގެންދިއުމުގައި އެއްވެސް ފަރުދެއްގެ އަތުން އުސޫލާއި ހިލާފަށް ފައިސާ ނަގައިފައިވާ ނުވަތަ ނެގި ފައިސާއަށް ހިޔާނާތް ތެރިވެފައިވާނަމަ ނުވަތަ އެފަދަ ކަމެއް ސާބިތު ވެފައިވާ މީހަކު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ނުވަތަ މެނޭޖްމަންޓުގައި ހިމެނިގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

އޭގެ ތެރޭގައި އެފަދަ މައްސަލައެއް ޝަރުއީ ކޯޓެއްގައި ހިނގަމުންދާ ފަރާތެއް ހިމެނިގެން ނުވާނެ ކަމަށް ޝަރުތު ތަކުގެ ތެރޭގައި ހިމެނިފައިވެ އެވެ.

އޭގެ އިތުރުން، ހުއްދައެއް އެދޭ ކުންފުނީގެ ޑައިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމެއް ތަންޒީފު ކުރަމުންދާ ނުވަތަ ކޮށްފައިވާ މީހެއް ކަމުގައި ނުވުމާއި ޖިނައީ ކުށްތަކުގެ ތެރެއިން ފައިސާގެ ހިޔާނާތާ ބެހޭ އެއްވެސް މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހެއް ކަމުގައި ނުވުން ވެސް ހިމެނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކުން ފުރިހަމަ ކޮށް ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް މާދަމާ އިން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު އެ މިނިސްޓްރީން ލިބެން ހުންނާނެ ކަމަށެވެ.

މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާނެ ކަމަށް އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާއިރު، ޕްރޮޕޯޒަލް ބަލައިގަންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 31 ވަނަ ދުވަހު އެވެ.

"ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު"ގެ ދަށުން އެ އުސޫލު ގެޒެޓް ކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި އުމްރާއަށް މީހުން ގެންދިޔުމަށް އޭގެ ކުރިން ހުއްދަ ދީފައިވާ ހުރިހާ ކުންފުންޏެއްގެ ހުއްދަ ބާތިލު ވާނެ އެވެ.

އެ ތިން މަސް ހަމަވާނީ އަންނަ އަހަރުގެ ފެބްރުއަރީ ދެވަނަ ދުވަހަށެވެ.