ސްޕެނިޝް ލަލީގާގައި ފަހު ވަގުތު ވެލެންސިއާ އަތުން ބާސެލޯނާ ސަލާމަތްވެއްޖެ އެވެ.

ވެލެންސިއާގެ ދަނޑުގައި ރޭ ބާސާ އާއި ވެލެންސިއާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސާއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ފުރަތަމަ ހާފުގައި ޕައުލީނިއޯ އާއި، ލިއޮނެލް މެސީ އަދި ލުއިސް ސުއަރޭޒަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެ އެވެ. ފުރަތަމަ ހާފުގައި ވެލެންސިއާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ އެ ޓީމުގެ ރޮޑްރިގޯއަށް ލިބުނު ފުރުސަތެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ވެލެންސިއާ އިން މެޗުގެ ލީޑު ނެގީ 60 ވަނަ މިނެޓުގަ އެވެ. ބާސާގެ ޑިފެންޑަރު ސެމޭޑޯ ކައިރިން ނައްޓާލުމަށް ފަހު ހޯސޭ ގާޔާ ދިން ބޯޅައަކުން ވެލެންސިއާއަށް ލީޑު ހޯދައިދިނީ އެ ޓީމުގެ ސްޕެއިން ފޯވަޑް ރޮޑްރިގޯ އެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް ބާސާ އިން ކުރި މަސައްކަތް އެ ޓީމަށް ކާމިޔާބުވީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. ލިއޮނެލް މެސީ ދިން ބޯޅައަކުން ބާސާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ސްޕެއިން ޑިފެންޑަރު ޔޯޑީ އަލްބާ އެވެ.

އެ ނަތީޖާއާ ގުޅިގެން ލީގު ތާވަލުގެ އެއްވެސް މަގާމަކަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތް ބާސާއަށް 13 މެޗުން 35 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ވެލެންސިއާއަށް 13 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް އަދި ހަތަރު ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައި ވަނީ 27 ޕޮއިންޓެވެ.